އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރުގެ މައްސަލާގައި އައިޖީއެމްއެޗްއިން ދިން ފަރުވާ އަންގައިދޭނެ ހަމައެކަނި ލިޔުމަކަށް އޮތީ ޑޮކްޓަރަކާއި ނަރުހަކު ލިޔެފައިވާ "ނޯޓު" ތަކެއް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލާގެ ހެކިބަސް ނެގުމުގެ ޝަރީއަތްތައް މިހާރު ކުރިއަށްދާއިރު މޭރީއާއި މާވިން ދިރިއުޅެމުންދިޔަ ގޭގައި ދިރިއުޅުނު ބައެއް މީހުންގެ ހެކިބަސް މިހާރު ވަނީ ނަގާފައެވެ. އެހެންނަމަވެސް މޭރީގެ ޕޭޝަންޓް ޗާޓު ނެތި ދެން ތިބި ހެކިވެރިންގެ ހެކިބަސް ނަގަން ދިފާއުން އަންނަނީ އިއުތިޒާރުކުރަމުންނެވެ.
ޕޭޝަންޓް ޗާޓާ ގުޅިގެން އައިޖީއެމްއެޗުން ވަނީ މިހާތަނަށް ހިއްސާކޮށްފައިވާ ލިޔުންތަކުގެ އިތުރުން މޭރީއަށް ދިން ފަރުވާއާ ގުޅޭ އިތުރު ލިޔުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އެ ދެ ލިޔުމަކީ ވެސް މޭރީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާއަށް ފަރުވާ ދިން ޑޮކްޓަރާއި ނަރުހުގެ އަތުން ލިޔެފައިވާ ލިޔުންތަކަށްވާއިރު އައިޖީއެމްއެޗުން މީގެ ކުރިންވެސް ބުނެފައިވަނީ މޭރީއަކީ ހޮސްޕިޓަލަށް ގެނައިއިރު ވެސް މަރުވެފައިވާ މީހަކަށް ވާތީ އޭނާގެ ޕޭޝަންޓް ޗާޓުތައް ތައްޔާރު ނުކުރާ ކަމަށެވެ.
އެކަމާ ގުޅިގެން ލަމްހާގެ ދެ ވަކީލުން ކަމުގައިވާ ޔާމީން އާއި އަބްދުﷲ ޝާއިރުގެ އިތުރުން، މާވިންގެ ވަކީލު އިސްމާއިލް މުހައްމަދު ވަނީ އެއީ ކޮންމެވެސް ލިޔުމެއް ހުށަހެޅުމުގެ ގޮތުން ދައުލަތުން އުފެއްދި ލިޔުމެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމާ ގުޅިގެން ދައުލަތުން ވަނީ އެއްވެސް ލިޔެކިޔުމެއް ސިއްރުކޮށްފައި ނޯންނާނެ ކަމަށާއި މިހާ ހިސާބަށް މައްސަލައާ ގުޅޭގޮތުން ދައުލަތަށް ލިބިފައިވާ ހުރިހާ ލިޔެކިޔުން ދިފާއި ވަކީލުންނާ ހިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ.
މޭރީ ޕޭޝަންޓު ޗާޓުތަކާއި ލިޔެކިއުންތައް އޮތް ކަން ޔަގީން ކުރުމަށް އެ ހޮސްޕިޓަލަށް ވަދެ ބަލައިފާސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދޭނެ ކަމަށް ވެސް ލަމްހާގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
މާވިންގެ ވަކީލު އިސްމާއިލް އަހުމަދު ވިދާޅުވީ ދައުލަތުން އެންމެ ފަހުން ހިއްސާކުރި ޑޮކްޓަރުންގެ ލިޔެކިއުންތަކަށް ބެލުމުންނާއި އޭގައި ބޭނުންކޮށްފައިވާ ޒަމާނުގެ ބަހުރުވައިން އެއީ ވަރަށް ފަހުން ތައްޔާރު ކޮށްފައިވާ ލިޔުންތަކެއް ކަން ފާހަގަކުރެވޭ ކަމަށާއި ބޭނުން ވަނީ ފަރުވާ ދިން ވަގުތު ޕޭޝަންޓާ ގުޅޭ ގޮތުން ޑޮކްޓަރުން ލިޔާ ނޯޓުތައް ހިމެނޭ ޕޭޝަންޓް ޗާޓަކަށް ކަމަށާއި އެހެންކަމުން އެންމެ ފަހުން ހިއްސާކޮށްފައިވަނީ އެފަދަ ލިޔުމެއް ނޫން ކަމަށެވެ.
ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވެސް ވަނީ ދައުލަތުން ބޭނުންވާނަމަ ކޯޓު އަމުރެއް ހޯދައިގެން ފުލުހުން މެދުވެރިކޮށް އައިޖީއެމްއެޗަށް ވަދެ އެ ލިޔުންްތައް ހޯދަން މަސައްކަތް ކުރެވޭނެ ކަމަށެވެ.
ޕޭޝަންޓް ޗާޓުތައް ނުލިބެނިސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަސް ނެގުމަށް ދިފާއުން އިއުތިރާޒުކޮށްފައިވާއިރު މޭރީއާއި މާވިންއާ ދެމެދު ފިލިޕީންސް ބަހުން ދައްކާފައިވާ ވާހަކަތަކުގެ ޗެޓް ލޮގްގެ ތަރުޖަމާ ނުލިބެނީސް އެ ކަމާ ގުޅޭ ހެކިންގެ ހެކިބަސް ނެގުމަށް ވެސް ވަނީ އިއުތިރާޒުކޮށްފައެވެ.