މިއަހަރުގެ ކޮޕް27 ސަމިޓު މި ނޮވެމްބަރު 6 އިންފެށިގެން މިސްރުގެ ޝަރުމުއްޝައިހްގައި ކުރިއަށް ދާއިރު މިހާރު އުފެދޭ ސުވާލަކީ މިފަހަރުގެ ސަމިޓަކީ ކިހާ ކާމިޔާބު ސަމިޓަކަށް ވާނޭބާއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ސަމިޓުގައިވެސް 200 ގައުމަކުން އެމްބެސަޑަރުންނާއި އެކި ފެންވަރުގެ އޮފިޝަލުންގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެއެވެ. އަދި މޫސުމީ މަޝްވަރާތައް މިހާރު ފެށިގެން ދަނީ ކުރިއަށެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް ނުވަތަ ކޮޕް ސަމިޓަކީ މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އިން ޖޫން 1992 ގައި އުފައްދާފައިވާ ޖަމްއިއްޔާ އެކެވެ. އަދި މިހާރު 200 އަށްވުރެ ގިނަ މެމްބަރު ގައުމުތައް ހިމެނޭ އިރު ކޮންމެ އަހަރަކުވެސް އަންނަނީ ކޮޕް ސަމިޓެއް ބާއްވަމުންނެވެ.

މިއަހަރު ރާއްޖެއިން ސަމިޓުގައި ބައިވެރިވި ވަފުދުގެ އިސްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ކޮޕް ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގްވާމީ މުޖްތަމައުއާ ހިއްސާކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެކެވެ. އެގޮތުން ރާއްޖޭގެ ފަރާތުން އިއްވާ ގައުމީ ބަޔާން އިއްޔެ ވަނީ އިއްވާފައެވެ.

މިފަހަރުގެ ސަމިޓުގައި ބޮޑަށް އަލިއަޅުވާލާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރު އިގިރޭސިވިލާތުގެ ގްލާސްގޯގައި ކުރިޔަށް ދިޔަ ކޮޕް26 ސަމިޓުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާއި މީގެ އިތުރުން 2015 ވަނަ އަހަރު ފްރާންސްގެ ޕެރިސްގައި ބޭއްވުނު ކޮޕް21 ގައި ގައުމުތަކުގެ މެދުގައި ވެވުނު "ޕެރިސް އެގްރިމެންޓް" އަށެވެ.

ޕެރިސް އެގްރިމެންޓުގައި ވާ ގޮތަށް ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވި މޫސުމީ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އަޅަން އެއްބަސްވެފައިވާ ފިޔަވަޅުތަކަށް އަމަލީ ސިފަ ގެނައުމަށްޓަކައި ގައުމުތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ހާސިލުވި މިންވަރު މިފަހަރުގެ ސަމިޓުގައި ގައުމުތަކުން ހުށައަޅާނެއެވެ.

މި އެއްބަސްވުމުގައި 200 ވަރަކަށް ގައުމުން ވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގައި އެއްބާރުލުން ދިނުމަށް ވައުދު ވެފައެވެ. ނަމަވެސް މިކަމަށް އަމަލީ ސިފަ ގެންނަމުން ދަނީ މަދު ގައުމަކުން ކަން ފާހަގަ ކޮށްލެވެއެވެ.

އިންޓަގަވަރުމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ލަފާދީފައިވާ ގޮތުގެ މަތިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030 ވަނަ އަހަރާ ހަމައަށް ދެބައިކުޅަ އެއްބައި މަދުކޮށް އަދި 2050 ވަނަ އަހަރު އަންނަން ވާއިރަށް ނެޓް ޒީރޯ އަށް ދިޔުމަށް ގިނަ ގައުމުތަކުން އަމާޒު ހިފާފައި ވީ ނަމަވެސް މިއީ ވުން ނާޒުކު ކަމެއް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. އަދި ދުނިޔޭގެ ހޫނުމިން މަތިވާ ރޭޓަށް ބަލާއިރު މިއަދަދު 2.4 ޑިގްރީ ސެލްސިއަސް އަރާފާނެ ކަމަށް ބެލެވެއެވެ.

ކޮޕް27 ސަމިޓު ފެށުމުގެ ރަސްމިއްޔާތުގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

ދިވެހިރާއްޖޭގެ އަމާޒަކީވެސް 2030 ވަނަ އަހަރާ ހަމަޔަށް އަންނައިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލުކުރުން ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ 2019 ވަނަ އަހަރު އިއުލާނު ކުރައްވާފައެވެ.

ސަމިޓުގައި އިއްވި ދުނިޔޭގެ މޫސުމާއި ބެހޭ އާންމު ރިޕޯޓުގައި ވާގޮތުން ފާއިތުވި 8 އަހަރު ދުވަހު މޫސުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި ދުނިޔޭގެ ހޫނުމިން އެންމެ މަތިވެފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވަނީ ވެސް ފާއިތުވި 8 އަހަރުގެ ތެރޭގައެވެ. މީގެ ސަބަބުން ނާޒުކު ގައުމުތަކަށް އަންނަނީ އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ވާރޭވެހުން އާދަޔާހިލާފަށް އިތުރުވެ ކޯރުތައް ބަންޑުން ވުމުގެ ސަބަބުން ފެންބޮޑުވުމާއި، ހޫނު ރޯޅިތައް އައުން ގިނަވެ، ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު އުފުލެމުން ދާކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މިގޮތުން މިއަހަރު ހިނގި އެންމެ ބޮޑެތި ކާރިސާތަކުގެ ތެރޭގައި ޕާކިސްތާނުގައި ފެންބޮޑުވުން ހިމެނެއެވެ. މި ކާރިސާގައި ވަނީ ގައުމުގެ ތިން ބައިކުޅަ އެއްބައިގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ، އެތައް ލައްކަ ބަޔަކު ހާލުގައި ޖެހިފައެވެ. އަދި ލިބުނު ގެއްލުމުގެ އަދަދު 30 ބިލިއަނަށް ޑޮލަރަށް އަރާ ކަމަށް ޕާކިސްތާނުން ބުނެއެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަހަލަ އެތަކެއް ކާރިސާތަކެއް އަންނަނީ ހިނގަމުންނެވެ. މީގެތެރޭގައި ހޫނުގަދަ ވުމުގެ ސަބަބުން ޔޫރަޕަށް ކުރިމަތިވި ހަނަފަސްކަމާއި އެކު ޖަންގަލިތަކުގައި ރޯވުމާއި، ކޯރުތައް ބަންޑުންވެ ފެންބޮޑުވުމާއި، އާދަޔާހިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގާ ފެން ބޮޑުވުމުގެ ހާދިސާތައް ހިމެނެއެވެ.

މިކަހަލަ ހުރިހާ ކަމަކުން ވެސް އެންމެ ބޮޑު ގެއްލުމެއް ލިބޭ ބަޔަކީ ބިންތިރި ގައުމުތަކާއި، އައްސޭރިފަށުގައި ދިރިއުޅޭ މީހުންނެވެ. މިފަދަ ތަންތަނަކީ އާންމުކޮށް ސިނާއީ ބޮޑެތި މަޝްރޫއުތައް ހިންގާ ތަންތަނެއްވެސް ނޫނެވެ. ނަމަވެސް، ދުނިޔެ ހޫނުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބު ކަމުގައިވާ ޖައްވަށް އަރައިގެން ދާ ވިހަ ގޭސް ފަދަ ތަކެތި އެންމެ ގިނައިން ބޭރުކުރާ، ސިނާއީ ބޮޑެތި މަޝްރޫއުތައް ހިންގާ ގައުމުތަކުން މިކަމަށްދޭ ސަމާލުކަން ކުޑަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވިހަ ގޭސް އެންމެ ގިނައިން ދޫކުރާ ގައުމަކީ ޗައިނާ އާއި އެމެރިކާއެވެ.

ދުނިޔެ ހޫނުވުމުން ސަލާމަތް ކުރުމަށް އަމާޒު ހިފައިފައިވާ ކަންތައް ތަކަށް ގައުމުތަކުން އެދެވޭ މަސައްކަތެއް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް ބޮޑެވެ. މިގޮތުން ބަލާއިރު އެމެޒޯން ޖަންގަލިތައް ހަނަފަސް ވުންވެސް 2006 އިން ފެށިގެން ވަނީ އިތުރު ވެފައެވެ. އަދި 2022 ގެ ފުރަތަމަ 9 މަސް ދުވަހު އިތުރު 23 ޕަސެންޓަށް މި އަދަދު މަތިވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިއަދާ ހަމައަށް އެމެރިކާަ އަދި ޔޫރަޕިއަން ޔޫނިއަންގެ 119 ގައުމަކުން ވަނީ 2020 ވަނަ އަހަރަށް ވުރެ މެތޭން ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 އާއި ހަމައަށް 30 އިންސައްތަ ދަށްކުރާނެ ކަމަށް ވައުދު ވެފައެވެ. ނަމަވެސް މީގެތެރެއިން މިކަމުގައި އަމަލީ ފިޔަވަޅު އަޅައިފައި ވަނީ އެންމެ 15 ގައުމުން ކަމަށް ވޯލްޑް ރިސާޗް އިންސްޓިޓިއުޓް އިން މިމަހު ވަނީ ރިޕޯޓު ކޮށްފައެވެ.

މިއަހަރު ޖޫން މަހު 55 ގައުމު ހިމެނޭ ގޮތަށް ނެރުނު ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މޫސުމީ ބަދަލުގެ ސަބަބުން ދިމާވި ކާރިސާތަކުން އެގައުމު ތަކަށް ލިބުނު ގެއްލުމުގެ އަދަދު 525 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ އެގަމުތަކުގެ ޖީޑީޕީ ގެ 20 ޕަސެންޓެވެ.

ދިރާސާތަކުން ދައްކާގޮތުގައި 2030 ވަނަ އަހަރު އަންނަ އިރު މިއަދަދު އަހަރަކު 580 ބިލިއަން ޑޮލަރަށް އެރުން ގާތެވެ.

މަޝްވަރާ ކުރާ މުހިންމު ކަންކަން

މިފަހަރުގެ ސަމިޓުގައި މަޝްވަރާ ކުރާނެ މުހިއްމު އަނެއް ކަމަކީ މޫސުމީ ކާރިސާތަކުގެ ސަބަބުން ތަރައްގީ ވަމުން އަންނަ ކުދި ގައުމުތައް އަދި ފަގީރު ގައުމުތަކަށް ލިބޭ ގެއްލުމުގެ ބަދަލު، ތަރައްގީ ވެފައިވާ ބޮޑެތި ގައުމުތަކަށް ދެވޭނެ ގޮތަކާއި ދޭތެރޭގައެވެ. އަދި މިކަމަށް ފަންޑެއް ހުޅުވުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ. ނަމަވެސް މި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ގިނަ ގައުމުތަކުން ދެކެއެވެ.

މިގޮތަށް ހުޅުވޭ ފަންޑުން ފައިސާ ހަރަދު ކުރާނީ ކޮންކޮން ގައުމުތަކަށް ކަމާއި، އެހީ ވެވޭނެ ހާލަތްތަކާއި އަދި ކާރިސާތަކުން ލިބޭ ގެއްލުންތަކަކީ ކިހާވަރެއްތޯ ބަލައި ބޮޑެތި ސާވޭތައް ހަދަން ޖެހުމަކީވެސް މިކަމަށް އޮތް ހުރަހެކެވެ.

ނިމިދިޔަ އަހަރުގެ ސަމިޓުގައިވެސް ވަނީ މޫސުމީ ކާރިސާތަކުން ބޮޑެތި ގެއްލުން ލިބޭ ގައުމުތަކަށް އެހީވާން "ލޮސް އެންޑް ޑެމޭޖް" ގެ ނަމުގައި ފަންޑެއް ހުޅުވުމުގެ މަޝްވަރާތައް ކޮށްފައެވެ. ނަމަވެސް އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަންގެ މުއްސަނދި އަދި ބޮޑެތި ގައުމުތަކުން އެތަކެއް އަހަރުވީ އިރުވެސް އަންނަނީ މިކަމާއި ދެކޮޅު ހަދަމުން ކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް މިގައުމުތަކުން ވަނީ ފައިސާ ހޯދުމުގެ މަޝްވަރާތައް އިތުރު 3 އަހަރު ކުރިއަށް ގެންދިއުމަށް އެއްބަސް ވެފައެވެ.

މިއަހަރުގެ ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮޕް27 ގެ ރައީސް ސާމެހް ޝުކްރީ ވިދާޅުވި ގޮތުގައި މިފަހަރުގެ ސަމިޓުގައި ފައިސާ ހޯދުމުގެ މައްސަލަ ހިމެނިގެން ދިއުމަކީ މޫސުމީ ކާރިސާތަކުގެ ޝިކާރަ އަކަށްވާ ގައުމުތަކަށް ލިބޭނޭ ވަރަށް ބޮޑު އެއްބާރުލުމެކެވެ.

މިވަގުތު އދ އިންނާއި ޑިވެލޮޕްމަންޓު ބޭންކު ފަންޑުން މޫސުމީ ކާރިސާތައް ދިމާވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަޔަސް އެއީ މިކަންކަމަށް ބޭނުން ކުރެވޭނެ ފަންޑެއް ނޫން ކަމަށް އދ އިން ބުނެއެވެ.

ކޮޕް27 ސަމިޓު ފެށުމުގެ ރަސްމިއްޔާތުގެ އދ ގެ ސެކްރެޓަރީ ޖެނެރަލް ގްޓަރޭޒް ވާހަކަ ދައްކަވަނީ

ގައުމުތަކުގެ ބަހަނާ

2020 ވަނަ އަހަރާއި ހަމައަށް ވެސް މުއްސަނދި ގައުމުތަކުން ވަނީ އަހަރަކު 100 ބިލިއަން ޑޮލަރު މިކަމަށް ހަރަދު ކުރުމަށް ވެސް ނުކުޅެދިފައެވެ. ބަހަނާއެއް ކަމުގައި ދައްކަނީ އަމިއްލަ ގައުމުތަކުގެ ދަރަނި ބޮޑުވުމެވެ. މިކަމާ ގުޅިގެން މިފަހަރުގެ ސަމިޓުގައި ވީ20 ނުވަތަ އެންމެ ނާޒުކު ގައުމުތަކުގެ ލިސްޓުގައި ހިމެނޭ 58 ގައުމާއި ތަރައްގީ ވެފައިވާ 7 ގައުމެއް ގުޅިގެން "ގްލޯބަލް ޝީލްޑް" ގެ ނަމުގައި ޕްލޭން އެއް ހުށައެޅުމަށް ވަނީ ހަމަޖެހި ފައެވެ. މީގެ އިތުރުން ވީ20 ގެ ގައުމުތަކުން ދަނީ ލޮސް އެންޑް ޑެމޭޖް ފަންޑިން ފެސިލިޓީއެއް ގާއިމު ކުރުމަށް އެހީތެރިވެ ދިނުމަށް މުއްސަނދި ގައުމުތަކުގައި އެދެމުންނެވެ.

މީގެ އިތުރުން ތިމާވެއްޓަށް އެންމެ ގެއްލުން ދެނިވި ކަންތައް ކަމުގައިވާ ބޯޓުދެލި އަންދާ ކުންފުނިތަކުން ޖޫރިމަނާ އެއްގެ ގޮތުގައި ޓެކްސްގެ ފައިސާ ނެގުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ގޮވާލައްވާފައެވެ.

މިއަދުވެސް ގައުމުތަކުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެގައުމުތަކުން ގެންގުޅޭ ސިޔާސަތާއި، މިކަމުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ހުލާސާ މި ސަމިޓުގައި ހިއްސާ ކުރަމުން ދާނެއެވެ.

މިމަހުގެ 6 އިން ފެށިގެން 18 އާ ހަމައަށް ކޮޕް27 ގެ މަޝްވަރާތައް ކުރިއަށް ދާނެއެވެ.