ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ބައިވެރިވެވަޑައިގަތުމަށް މިސްރުގެ ޝަރްމުއްޝައިހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހުއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ގައުމީ ބަޔާން އިއްވަވައި ދެއްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދުނިޔޭގެ ގައުމުތަކުން އެއްބައިވުމަށް ވަނީ ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގައި، ރާއްޖެއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން ފާހަގަ ކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި، ހަރުދަނާ ގޮތެއްގައި މޫސުމީ ބަދަލުތަކަށް އިޖާބަދިނުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި، ގައުމުތަކުގެ މަތީފެންވަރުގެ ވަފުދުތަކާއި އެކު ބައްދަލުވުންތައް ބާއްވަވާފައެވެ. މީގެ އިތުރުން ކޮޕް27 ކޮންފަރެންސްގެ ތެރެއިން ބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޮ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރިއަރާފައިވާ ގައުމުތަކުން ވެސް ދެނެގަނެ، ޒިންމާ އުފުލުމަށް ވެސް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި "ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބިލިޓީ އޮފް ވަލްނަރަބަލް ކޮމިއުނިޓީސް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގަންނަވައި، ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ފައިސަލް ވަނީ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27)ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20، (ވީ20) ގައިވެސް ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސާ ޝައިހް އަހްމަދު އަލްތައްޔިބާ ވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އަލްއަޒްހަރު އަލްޝާރިފްގެ ގްރޭންޑް އިމާމް ވަނީ ރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލަޝިޕްގެ ފުރުސަތުތަކާއި، މުދައްރިސުން އިތުރަށް ފޮނުއްވައި ދެއްވާނެކަމުގެ ޔަހީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ވަނީ، މިސްރުގައި ކިޔަވަންތިބި ދިވެހި ކިޔަވާ ކުދިންނާ ވެސް ގާހިރާގައި ބައްދަލު ކުރައްވާފައެވެ.