އެމްޓީސީސީން ދެމުން ގެންދާ އާރްޓީއެލް ބަހުގެ ހިދުމަތަށް 6 އިލެކެޓްރިކް ބަސް ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ މި ބަސްތައް ގެނެސްފައިވަނީ އިއްޔެ ކަމަށެވެ. އަދި މިއީ ތިމާވެށްޓާ ރަށްޓެހި 11 މީހުންގެ ޖާގައިގެ، އީވީ 6 ބަސް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އަލަށް އިތުރު ކުރި މި 6 ބަހާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ނެޓް-ޒީރޯ ބައި 2030" ސިޔާސަަތަށް އެއްބާރުލުން ދެވުމަކީ ލިބޭ އުފަލެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައި ވަނީ ސެޕްޓެމްބަރު މަހު 5 ވަނަ ދުވަހުއެވެ.

އެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.