ދިރިއުޅުމުގެ އާދަތައް ބަދަލު ނުކޮށްފިނަމަ، ކާނާގެ ގޮތުގައި ބޭސްކާން ޖެހިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޚާއްޞަ މަސައްކަތް އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ސިއްހީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އައި ބައެއް ކަމަށާއި އިހުގައިވެސް އަދި މިހާރު ވެސް ދިވެހިން އެކަމަށް ސަމާލުކަން ދިން ނަމަވެސް ދިރިއުޅުމާއި ސިއްހަތާ ދެމެދަށް ވަންނަނީ ނުރަނގަޅު އާދަތަކެއް ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އެންމެ މުހިންމުކަމަށް ހަދަންވީ ފަރުދީ ޒިންމާ ކަމަށާއި، ހަރަކާތްތެރިވެ އުޅޭ މިންވަރާއި ކުޅިވަރާ ކަސްރަތު އަދި ރަނގަޅު ކާނާ ބޭނުންކުރާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކާންވީ އަނގަޔަށް މީރު ޖަންކް ފުޑްއެއް ނޫން. ފައިދާހުރި ތަރުކާރީ މޭވާ. ބަދަލު ނުގެނެސްފިނަމަ ކާނާގެ ގޮތުގައި ދެން ކާންޖެހޭނީ ބޭސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، މިއީ އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ އިންޒާރެއް ކަމަށާއި މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ މުހިންމު ގައުމީ މައްސަލައެއް ކަމަށެވެ. އަދި ހުރިހާ ރަށެއްގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަރަށް ބޮޑު މައްސަލައެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުން ކަމަށާއި އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވަން އަންނަ އަހަރުގެ ތެރޭގައި ޕްރައިމަރީ ހެލްތް ކެއާގެ ހިދުމަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ