އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއާ އަލުން ފެށޭނެ ކަމަށާއި އެހިދުމަތުގެ އެންމެބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާޙް ކުރުމުގެ ހަފްލާގައި ވާހަކަފު ޅުދައްކަވަމުންނެވެ.

ރައީސް ވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020އިން 2021އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ "ސްޓެޕްސް ސާވޭ" ގެ ނަތީޖާގައި ފާހަގަ ކުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެދިރާސާއިން ހާމަވެފައިވާ ކަމަށާއި، އަދި މިކަން ބަލަން ތިބެވެން ނެތް ކަމަށެވެ.

އެންމެ ގިނަ މީހުން ރާއްޖޭގައި މިހާރު މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ ކަމަށާއި އަދި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 ޕަސެންޓު މީހުން މަރުވަނީ، އެފަދަ ބަލިތަކުގައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، މިސަރުކާރުން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ކުޅިވަރު ހަރަކާތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެހަރަކާތުންވެސް ދޭން ބޭނުންވި މެސެޖަކީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ހެލިފެލިވެ ނުވަތަ ޙަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށާއި، ފައިދާހުރިކާނާ ބޭނުން ކުރުމާއި، ހެލިފެލިވެ އުޅުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯއްދަވައި ދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ރައްޔިތުންގެ އާންމު ސިއްހަތަށް ސަމާލުކަން ދިނުމަށް، ސަރުކާރުން ކުރުމަށް ރާވާފައިވާ މުހިއްމު އެއް ކަމަކީ، "ޕްރައިމަރީ ހެލްތް ކެއާ" އަލުން އާލާ ކުރުން ކަމަށެވެ.

އޭގެ އެންމެ ބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކަށް ދުރާލައި ޓެސްޓް ކުރުމާ، އެފަދަ ބަލިތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ ބޭހާއި ފަރުވާ އަދި އަޅާލުން މިހާރަށް ވުރެ ފުރިހަމައަށް ލިބިދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދުންފަތުގެ އިސްއިތުމާލު ކުރުން ހުއްޓައިލުމަށް ބޭނުންވާ "ނެޝަނަލް ސެޒޭޝަން ޓޫލް ކިޓް" ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކުން މިހާރު އަންނަނީ އެހިދުމަތް ދެވެމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރުމަށް، ޔޫތު މިނިސްޓްރީން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގާއިރު އެމަޝްރޫއުތަކުގެ ތެރެއިން، އައުޓްޑޯ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި އެނޫން ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ރަށްރަށުގައި ޤާއިމް ކުރެވެމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ސާވިކަލް ކެންސަރުން އަންހެންކުދިން ރައްކާތެރި ކުރުމަށް ބޭނުންވާ ވެކްސިންވެސް، ނޭޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް، އެވެކްސިން މިހާރު މުޅި ރާއްޖޭގައި ދެވެމުން އަންނަ ކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރޭ އިފްތިތާހްކުރި "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" ތަންފީޒު ކުރަން ފެށުމުން، މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ލިބެން ފަށާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ، އަދި މިއެކްޝަން ޕްލޭން ތަންފީޒްކުރުމުގައި ހުރިހާ މުއައްސަސާތަކުން ވެސް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައި ގެންނެވިއެވެ.