މިހާރު ޖޭއެސްސީ އޮތީ ކުރިއަށްވުރެ ބޮޑަށް އެމްޑީޕީގެ ދަށުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރަވަމުންގެންދާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް ސިޔާސީ ނުފޫޒު އޮތް މިންވަރު އިހުނަށްވުރެ މާ ބޮޑު ކަމަށެވެ. އަދި މިހާރު ހުރިހާ ފަނޑިޔާރުން ތިބީ ރަހީނުކޮށްފައި ކަމަށާއި ފަނޑިޔާރުންނަށް ކުރިއަށްވުރެ ބޮޑަށް ބިރުވެރިކަން އެބައޮތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ތަހުގީގަކީ އިންސާފުގެ ދަތުރުގެ ފެށުން ކަމުގައިވާއިރު މިއަދު ފުލުހުންގެ ހިދުމަތުން އެ މަސައްކަތް އިންސާފުވެރިކޮށް ނުކުރާ ކަމަށާއި ތަހުގީގު ފަށަނީވެސް ވަކި ނަތީޖާއެއް ނެރުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ފުލުސް ކޯޓު ކިޔާ ކޯޓެއް އޮންނަ ކަމަށާއި އެ ކޯޓުން އޭރު ކަންކަން ކުރަމުންދިޔަ ގޮތަށް ފާޑުކިޔަމުންދިޔަ ކަމަށާއި ނަމަވެސް މިއަދު ވެސް ކަންކަން ހިނގަމުން އަންނަނީ އޭރު ފުލުސް ކޯޓުގައި ހިނގަމުންދިޔަ ގޮތަށް ކަމަށެވެ.

ކުރީގައި ހުރި ފުލުސް ކޯޓު މިހާރު ރުޖޫއަ ކުރީތޯ އާއި ނޫނީ އެ އުސޫލު އެމްޑީޕީ އަށް މިހާރު މާ ކަމުދަނީތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ 2023 ގައި ރައްޔިތުންގެ ހާލަތު ބަދަލުކުރަން ފުރުސަތު ލިބިއްޖެނަމަ ކޯޓުގައި ޖަހާ ސަކަރާތްތައް ނިމުމަކަށް އަންނާނެ ކަމަށެވެ.