ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ އައްޑޫގައި ރޭސިން ޓްރެކެއް އަޅުއްވައި ދެއްވާނެ ކަަމަށް ރައީސް އަބަދުﷲ ޔާމީން ވައުދުވެ ވަޑައިގެންފިއެވެ.
ރައީސް ޔާމީން މިހާރު އައްޑޫ ސިޓީއަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑު ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިފާނު ވިދާޅުވީ އައްޑޫ ސިޓީގެ އެކިއެކި ޒުވާނުން އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށާއި އޭގެތެރެއިން ޒުވާނުންގެ ގުރޫޕަކުން ވަނީ އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް އަޅާ ދިނުމަށް އެދިފައި ކަމަށެވެ.
އެ ރޭސިން ޓްރެކް އަޅަން ޒުވާނުން ބޭނުން ވަނީ މިހާރު އައްޑޫގައި އިންޑިއާއިން އަޅާފައިވާ ޕޮލިސް ޓްރެއިނިން ސެންޓަރު ހުރިތަނުގައި ކަމަށާއި އެހެންކަމުން ފުރަތަމަ އެ ސެންޓަރު އެތަނުން ނެގުމަކީ އައްޑޫ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް މިއަދުގެ ހާލަތު ބަދަލުކޮށް ދޭކަށް އެހެން ގައުމަކުން އެހެން ކަރައަކުން ބޮޑުބޭބެއެއް ނާންނާނެ ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ އަމިއްލައަށް ކަމަށާއި އެކަން ކުރަން ޖެހެނީ މަގުމައްޗަށް ނިކުމެގެން ކަމަށް ވަންޏާ މަގުމައްޗަށް ނިކުމެގެން ނުވަތަ އެކަން ކުރަން ޖެހެނީ ބެނާއެއް ދަމައިގެން ކަމަށް ވަންޏާ ބެނާ ދަމައިގެން ކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.