އަހަރަކު އެއް ފަހަރު ބައި އިލެކްޝަންތައް ބާއްވާ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލިހުން ބޭރުކޮށްލައިފިއެވެ.
ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި އެ ބިލު ފާސްކުރުމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ ތެރެއިން ދެ މެންބަރުންނެވެ. ބާކީ މެންބަރުން ވޯޓު ދެއްވީ އެ ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ.
އެއަށް ފަހު އަލުން އެ ބިލު ދިރާސާ ކުރުމަށް ކޮމިޓީ އަށް ފޮނުވުމަށްވެސް ވޯޓަށް އެހި ނަމަވެސް، ވޯޓުގައި ބައިވެރިވި 50 މެންބަރުން ވަނީ އެ ބިލު ލާމަރުކަޒީ ކޮމިޓީ އަށް ފޮނުވުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
ލާމަރުކަޒީ ކޮމިޓީގެ ނިންމުމުގައިވާ ގޮތުން، މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ބިލަކީ މިވަގުތަށް މުހިއްމު ބިލެއް ނޫނެވެ. އަދި އެ ބިލުގައި ހުށަހަޅާފައިވާ ބައެއް އިސްލާހުތައް އުނިކުރުމަށް ކޮމިޓީން ނިންމާފައިވާތީ އެ ބިލުގެ މަގްސަދު ވަނީ ގެއްލިފައެވެ. އެހެންކަމުން ކޮމިޓީން ވެސް ނިންމާފައި ވަނީ ބިލު ފާސް ނުކުރުމަށެވެ.
އެހެންކަމުން އެ ބިލު ބާތިލުވީ ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވައިފައެވެ.
މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން:
- ލޯކަލް ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން ޖެހޭނީ އަހަރަކު އެއް ފަހަރު
- ދެ ބައި އިލެކްޝަނެއްގެ ދެމެދުގައި އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އަދި 300 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ
- ތަކުރާރުކޮށް ގިނަ ބައި އިލެކްޝަން ބާއްވަން ޖެހުމަކީ ހަރަދުތައް އިތުރުވަމުންދާ ކަމެއް، އަދި އެއީ ކަންބޮޑުވުން އޮތް ކަމެއް
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ގައެވެ. އަދި އިބްތިދާއީ ބަހުސަށް ފަހު ކޮމިޓީ މަރުހަލާ އަށް ބިލު ފޮނުވާލާފައި ވަނީ މިދިޔަ މަހުގެ 17 ގައެވެ.
މި އަހަރު ދުވަހުގެ ތެރޭގައި 50 އަށް ވުރެ ގިނަ ބައި އިލެކްޝަންތައް ބާއްވާފައިވާއިރު، އެކަމަށް ގިނައިން ހަރަދު ކުރަން ޖެހޭކަން ފާހަގަކުރައްވައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް "ދަ ޕްރެސް" އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އަހަރަކު އެއް ފަހަރު ބައި އިލެކްޝަންތައް ބޭއްވުމެވެ.