ސަރުކާރުން ށ. ބިލެތްފަހީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށް ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބިލެތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އޮފީހުން ބުނީ، ބިލެތްފަހީގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ބިލެތްފަހީގެ ބަނދަރު މަޝްރޫއު ކުރިއަށްދާއިރު އެމަޝްރޫއުގެ ތެރެއިން ރައްޔިތުން ކުރަން ބޭނުންވާކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ރަށުގެ ލަފާފުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ ނެރުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ދޯނި އެހެލުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށާއި އަދި ރަށުގެ ޒުވާނުންނަށް ހާއްސަ ޒުވާނުންގެ މަރުކަޒެއް ބޭނުންވާ ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ރައީސްގެ އަރިހުގައި ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންވާކަމަށާއި، އެއާޕޯޓުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާ ކަމަށާއި ރަށުގެ ކުނިކޮށީގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން، ރައީސް ހިއްސާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މިބައްދަލުވުމުގައި ބިލެތްފަހީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން، އެކޮމެޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓް ނެތުމާއި، އެކޮމެޓީގެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައެއްނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބިލެތްފަހި ކައުންސިލުން ފާހަގަކުރެއްވިކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށާއި، އަންހެނުން ކޮމިޓީން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދެވެން ހުރި ކަންކަން އެކަމާއި ގުޅޭ އިދާރާތަކާ މަޝްވަރާކޮށް ސާވޭކުރުމަށްފަހު ބައްލަވައިދެއްވާނެކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.