ނިމިދިޔަ ހައްޖު ދަތުރަށް ހައްޖު ކޯޕަރޭޝަނުން 50 މިލިއަނަށް ރުފިޔާ އަށް ވުރެ އިތުރަށް ހަރަދުކޮށްފައި ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ދެ ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވަނީ ހައްޖު މިޝަންގައި ތިބި ފަސް މީހުންގެ އިތުރުން، ކެއުމާއި ހުރުމަށް ހަރަދުކުރި ވަރުގެ ތަފާސްހިސާބުތައް ހާމަކުރައްވައި ފައެވެ. އެގޮތުން:

ހައްޖުގެ މިޝަންގައި ހިމެނުނު ފަރާތްތަކަށް ކޮށްފައިވާ ހަރަދުތައް:

  • ދެކޮޅު ޓިކެޓް: 148،278.72ރ
  • ހުރުމާއި ކެއުން (48 ދުވަސް): 762،364.80ރ
  • ޕޮކެޓް މަނީ: 12،027.60ރ
  • އިންސިޑެންޝަލް ހަރަދު: 154،200ރ

ހޮޓާތަކުގައި ހޭދަކުރި ދުވަސްތަކަށް ކޮށްފައިވާ ހަރަދުތައް:

  • މައްކާ ހޮޓެލް (21 ދުވަސް): 39.69 މިލިއަން ރުފިޔާ
  • މަދީނާ ހޮޓެލް (ދެ ދުވަސް): 1.81 މިލިއަން ރުފިޔާ
  • މުތައްވިފު (ގައިޑް): 10.64 މިލިއަން ރުފިޔާ

އެހެންކަމުން، ނިމިދިޔަ އަހަރުގެ ހައްޖު ދަތުރަށް 53.22 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ހައްޖު ކޯޕަރޭޝަނާ ހަވާލާދީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ބަޔަކު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. އަދި ނިމިދިޔަ ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.