ދެން ވެރިކަން ލިބިއްޖެނަމަ ފުރަތަމަ ތިން އަހަރު ތެރޭގައި އައްޑޫގައި 5000 ވަޒީފާ އުފައްދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިހާރު އަތޮޅު ތެރެއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން، ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދެއް ކަމަށާއި އެ ވަޒީފާތައް އުފައްދާނީ އިގްތިސާދީ އެކި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ އައްޑުގައި މިއަދު ޒުވާނުން ބިކަވެފައި ތިބި ތިބުން ނިމުމަކަށް ގެނައުމަށް ކުރާ ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ވެރިކަމުގެ އިތުރު ދައުރެއް ލިބިއްޖެނަމަ އެންމެ ބޮޑު ކަމަކަށް އޮންނާނީ ދަރަނިތައް ފިލުވުން ކަމަށާއި އޭގެފަހުން އެންމެ އިސްކަމަކަށް އޮންނާނީ ޒުވާނުންގެ ހާލަތު ރަނގަޅުކުރަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ނަންބަރުތައް މިހާރު ހިސާބުކުރަމުން ދާއިރު ލަފާކުރެވޭ ގޮތުގައި ފުރަތަމަ ތިން އަހަރު ތެރޭގައި އެއްވެސް އުނދަގުލަކާ ނުލާ 5000 ވަޒީފާ އުފެއްދޭނެ ކަމަށެވެ.

2023 ގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޔާމީން އަތޮޅުތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި ދާދިފަހުން ނ އަތޮޅު ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއަށް ވެސް ވަނީ ވަޑައިގެންފައެވެ.