އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލާގައި ޕޭޝަންޓް ޗާޓުގެ މައުލޫމާތު މާދަމާގެ ނިޔަލަށް ނުލިބިއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ކޯޓަށް ހާޒިރުކޮށްގެން ވެސް އެ މައުލޫމާތުތައް ސާފުކުރާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އައިޖީއެމްއެޗްގެ ކޮންމެ ޕޭޝަންޓެއްގެ މައުލޫމާތު ހުންނަ ޗާޓެއް އޮންނައިރު މޭރީގެ ޕޭޝަންޓް ޗާޓް ދިނުމަށް ލަމްހާގެ ފަރާތުން ޝަރީއަތުގައި އެދުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުގެ މައްޗަށް އެކަމަށް އަމުރުވެސް ކޮށްފައެވެ.

އަދި ޕޭޝަންޓް ޗާޓުގެ މައުލޫމާތު މާދަމާގެ ނިޔަލަށް ނުލިބިއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ކޯޓަށް ހާޒިރުކޮށްގެން ވެސް އެ މައުލޫމާތުތައް ސާފުކުރާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން މޭރީ އާއި މާވިން ދިރިއުޅުނު މއ. އުދުހޭކޮކާގޭގައި ދިރިއުޅޭ އަދި ހާދިސާ ހިނގި ދުވަހު އެ ގޭގެ ސިޑިން އަރައި ފޭބި ހަތަރު މީހެއްގެ ހެކިބަސް ނަގަން ތާވަލްކުރި ނަމަވެސް އޭގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ވަނީ ނަގާފައެވެ.

އެގޮތުން ފުރަތަމަ ހެކިވެރިޔާ އަބްދުﷲ ހުމައިދު ވަނީ ހާދިސާ ހިނގި ކަމަށް ފުލުހުން ބުނާ ވަގުތުގައި އޭނާ އެ ގޭގެ ސިޑިން ތިރިއަށް ފޭބި ކަމަށައި ސިޑިން ފޭބި އިރު ސިޑިމަތިން އިތުރު އެއްވެސް މީހަކާ ދިމާނުވާ ކަމަށް ބުނެފައެވެ. އަދި ތިރިއަށް ދިޔައިރު އޭނާގެ މަންމަ އާއި ކޮއްކޮ ސްކޫލުން އައިސް ގޭ ބޭރުގައި ހުރި ކަމަށް ވަނީ ބުނެފައެވެ. އަދި ދެވަނަ ހެކިވެރިޔާ އައިޝަތު ވަފާ ބުނީ އޭނާ ގެއަށް އައީ މެންދުރު 12:30ގެ ފަހުން ކަމަށާއި ސިޑިން މައްޗަށް އެެރި ވަގުތު، ގްރޭޑު 10ގައި އުޅޭ އޭނާގެ އަންހެން ދަރިފުޅު އޭނާ ގާތުގައި އަޑެއް އިވިގެން ސުވާލުކުރި ކަމަށެވެ.