މިއަދަކީ އެމްޑީޕީއަށް ނާކާމިޔާބު ދުވަހެއް ކަމަށް އެމްޑީޕީގެ ކެމްޕެއިން ކޮމެޓީގެ ޗެއާ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ، ނ. މަގޫދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމަށާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަން އިންތިހާބުގައި އެމްޑީޕީއާ ވާދަކޮށް ޕީޕީއެމް އިން ދެ ގޮނޑި ވެސް ކާމިޔާބު ކުރުމުންނެވެ.
މިއަދު ކުރިއަށް ދިޔަ އިންތިހާބާ ބެހޭ ގޮތުން މަހުލޫފް ވިދާޅުވީ، މިއީ "އެމްޑީޕީ އަށް ނާކާމިޔާބު ދުވަހެއް" ކަމަށާއި ނަމަވެސް ދެ ގޮނޑި ވެސް ގެއްލުނީ ވަރަށް ކުޑަ ތަފާތަކުން ކަމަށެވެ. އެގޮތުން މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކުން ކުރި މަސައްކަތަށް މަހްލޫފް ވަނީ ތައުރީފް ކުރައްވާފައެވެ. އަދި އެ ދެ ގޮނޑި ކާމިޔާބު ކުރި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ބައި އިލެކްޝަން އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، މަގޫދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރި ޕީޕީއެމްގެ އާމިނަތު ޔުމްނާ އަބްދުލްޣަނީއަށް ލިބިފައި ވަނީ 124 ވޯޓެވެ. އަދި އެމްޑީޕީން ވާދަކުރި ކެންޑިޑޭޓް ފަރީދާއަށް ލިބުނީ 115 ވޯޓެވެ.
ހަމައެއާއެކު ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރި އައިޝަތު ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ހުވައިލަތަށް ލިބުނީ 192 ވޯޓެވެ.
އިރާދަ ކުރެއްވީއްޔާ ކުރިއަށް އޮތީ ހުސް ނާކާމިޔާބު ދުވަސްތަށް ތިޕާޓީން ރައްޔިތުންނަށް ކުރާ ނުބައި ކަންތަކުގެ ސަބަބުން ކަލޭމެންގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވުން އެދި ރައްޔިތުން ދަނީ މާތްﷲގެ ހަޒްރަތައް ދެއަތް އުފުލާ ދުއާ ދަންނަވަމުން