މިހާރު އިންޑޮނީޝިއާގެ ބާލީގައި ކުރިއަށް ދާ ޖީ20 ގައުމުތަކުގެ ވެރިންގެ ބައްދަލުވުން ފެށުމުގެ 1 ދުވަސް ކުރިން ސައުދީ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ހަބަރުތައް ބުނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް މުހައްމަދު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައި ވަނީ މިމަހުގެ 14 ވާ ހޯމަދުވަހުއެވެ. އެއަށް ފަހު މިމަހުގެ 15 އިން 16 އަށް، އިންޑޮނީޝިއާގެ ބާލީގައި އޮންނަ ޖީ20 ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށް ދެ ބޭފުޅުން ވަޑައިގަންނަވާނެ ކަމަށްވެސް ބުނެެއެވެ.
ވަލީއަހުދު މުހައްމަދުގެ މި ދަތުރުފުޅަށް އިންޑިއާއިން ތައްޔާރުވަމުން ދާއިރު އެގައުމުގެ އުއްމީދަކީ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ހަކަތައިގެ ދާއިރާއިން އިތުރު އެއްބަސްވުންތަކަށް ވާސިލުވުމެވެ. އެގޮތުން ދުނިޔެއަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ގްރީން އެނާޖީގެ ދާއިރާ ތަރައްގީ ގުރުމަށް ދެގައުމުން މަސައްކަތް ކުރުމާއި ރިނިއުބަލް އެނާޖީގެ ދާއިރާއިން ކުރިއަށް ދާން މަޝްވަރާ ކުރާނެ ކަމަށް މުރާސިލުން ބުނެއެވެ.
އިންޑިއާއަކީ އޭޝިއާގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީ ހުންނަ އެއް ގައުމަށް ވާއިރު އަހަރެއްގެ މައްޗަށް 23 ރިފައިނަރީ އަކުން 250 މިލިއަން ޓަނުގެ ތެޔޮ ސާފު ކުރުމުގެ ކެޕޭސިޓީ ހުރެއެވެ. 2050 އަންނަން ވާއިރަށް މިއަދަދު 400 މިލިއަން ޓަނަށް ބަދަލުކުރުމަށް އިންޑިއާއިން މަސައްކަތް ކުރާ އިރު އެ ގައުމަކީ މިހާރުވެސް ސައުދީން އެންމެ ގިނައިން ތެޔޮ ގަންނަ އެއް ގައުމެވެ. އަދި އިންޑިއާއިން ވިޔަފާރި ކުރާ ގައުމުތަކުގެ ތެރެއިން 4 ވަނަ އަށް އެންމެ ބޮޑު މުއާމަލާތެއް ހިންގަނީ ވެސް ސައުދީއާއެކުގައެވެ. އިންޑިއާއަށް އެތެރެ ކުރާ ތެލުގެ 18 ޕަސެންޓަކީ ސައުދީގެ ތެޔޮ ކަމަށް ވާއިރު މިދިޔަ އަހަރުގެ 9 މަސް ދުވަހުގެ ތެރޭގައި 29 ބިލިއަން ޑޮލަރުގެ މުއާމަލާތް ހިންގާފައި ވެއެވެ.
އިންޑިއާގެ އާބާދީ ބޮޑުކަމާއި ހިދުމަތުގެ އަގު ދަށް ކޮށް ލިބުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އިންވެސްޓް ކުރާ އިރު އެގައުމުން އުއްމީދު ކުރަނީ މުހައްމަދުގެ ދަތުރުފުޅާއެކު އިތުރު ކުރިއެރުން ހޯދާށެވެ.
ސައުދީންވެސް މިހާރު އަމާޒު ހިފާފައި ވަނީ 2030 ގެ ނިޔަލަށް ކްލީން އެނާޖީ ނުވަތަ ތިމާވެއްޓާ ރައްޓެހި ހަކަތައިގެ މިންވަރު 50 ޕަސެންޓަށް އިތުރު ކުރަން ކަމަށް ވާއިރު މިއީ ސައުދީއަށް ވެސް މުހިންމު ދަތުރަކަށް ވާނެއެވެ. އަދި ޖައްވަށް ދޫކުރާ ވިހަ ގޭހާއި އުފައްދާ ގްރީންހައުސް ގޭހުގެ މިންވަރު 2060 ގެ ނިޔަލަށް އެއްވަރު ކުރުމަކީ ސައުދީގެ އަމާޒަކަށް ވާއިރު އިންޑިއާގެ ދަތުރުން ސައުދީއަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.