އަންނަ ޑިސެމްބަރު 1 އިން ފެށިގެން އަންނަ އަހަރުގެ ނޮވެމްބަރު 30 އަށް ރިޔާސަތު ހަވާލު ވި އިންޑިއާއިން ޖީ20 ގައުމުތަކުގެ އެކި ފެންވަރުގެ ވެރިން ހިމެނޭ 215 ބައްދަލުވުން ބާއްވަން ނިންމައިފިއެވެ.

ޑިސެމްބަރު 1 އިން ފެށިގެން ބައްދަލުވުންތައް ބާއްވަމުން ގެންދާނީ އެކި އެކި ދާއިރާތަކަށް އަމާޒުކޮށް ތަފާތު ސިޔާސަތުތައް ކަނޑައެޅުމަށެވެ.

ގެސްޓު ގައުމުތަށް ނޫނީ، ދައުވަތު ދޭ ގައުމުތަކުގެ ގޮތުގައި މި ސަމިޓުގައި ބަންގްލަދޭޝް، މިސްރު، މޮރިޝަސް، ނެދަލޭންޑްސް، އޮމާންސް، ސިންގަޕޫރު، ސްޕެއިން އަދި ޔޫއޭއީ ބައިވެރިވާނެއެވެ.

ޖީ20 ގައުމުތަކުގެ ރިޔާސަތު އެކުލަވާލާފައި އޮންނަ ގޮތުން، އިދާރީ މަސައްކަތް ކުރާނީ 3 ގައުމެއް ގުޅިގެންނެވެ. އިންޑިއާ އަކީ، މިހާރު އިންޑޮނީޝިއާގެ ބާލީގައި ކުރިއަށް ދާ ޖީ20 އާއި އާރު20 ގައުމުތަކުގެ ބައްދަލުވުގެ ރިޔާސަތުގައި ހިމެނޭ، އިންޑޮނިޝިއާ، އިޓަލީ ހިމެނޭހެން އެކުލަވާލާފައި އޮންނަ އިދާރީ މޭޒުގެ މެންބަރެއްވެއް މެއެވެ. އަންނަ އހަރު ސަމިޓުގައި އިދާރީ މެޒު ބަލަހައްޓާނީ، އިންޑިއާގެ އިތުރުން، އިންޑޮނީޝިއާ އާއި ބްރެޒިލް އިންނެވެ.

ޖީ20 ގައުމުތަކުގެ އަންނަ އަހަރުގެ ބައްދަލުވުންތަކުގެ އެޖެންޑާގައި ހުރި ބައެއް ކަންކަމަކީ، އަންހެނުން ބާރުވެރި ކުރުވުމާއި، ސިއްހަތާއި، ދަނޑުވެރިކަމާއި، ތައުލީމާއި ސަގާފަތް އަދި ފަތުރުވެރިކަމާއި މޫސޫމީ ބަދަލުތަކަށް ފައިސާ ހޯދުމާއި، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ހަކަތައިގެ ސިނާއަތާއި ފެހި ހައިޑްރޯޖެން ބޭނުން ކުރުމާއި ކާރިސާތަކުން ދިމާވާ ގެއްލުންތައް ކޫޑަކުރުމާއި އިގުތިސޯދީ ހީނަރިކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން އާންމުންނަށް ފަސޭހައިން ވާސިލުވެވޭނެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ވާހަކަތަކެވެ.

އިންޑިއާގައި ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 4 ބައްދަލުވުމެއް އަމާޒުކޮށްފައި ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމާއި އެ ދާއިރާއާ ގުޅޭ މަޝްވަރާތަކަށް ކަމަށް ވާއިރު، އިންޑިއާގެ އެންމެ ބޮޑު އެއް އަމާޒަކަށް ހަދާފައި ވަނީ އެގައުމުން ކޮންޓްރޯލް ކުރާ ޖައްމޫ އެންޑް ކަޝްމީރު ސަރަހައްދުގެ ފަތުރުވެރިކަމަށެވެ.

މިއީ 2019 ވަނަ އަހަރު ޖަންމޫ އެންޑް ކަޝްމީރު ސަރަހައްދުގެ މިނިވަންކަން އިންޑިއާގެ ގާނޫނު އަސާސީން ކަށަވަރު ކުރި ފަހުން މި ފަދަ އިސްވެރިންގެ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޖީ20 އާ ދިމާކޮށް އިންޑިއާއިން އެ ސަރަހައްދުގެ ތަރައްގީއަށް އެތައް ކްރޯޑެއްގެ ރުޕީސް ހަރަދު ކުރަމުން ދާއިރު، ޒުވާނުންނާއި ދަޑުވެރިކަން ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއްވެސް ވަނީ ފަށާފައެވެ.

ޖީ20 ގެ ބައްދަލުވުން ޖަންމޫ އެންޑް ކަޝްމީރުގައި ބާއްވަން ޕާކިސްތާން ދެކޮޅު ހަދާފައި ވީނަމަވެސް ޔޫނިއަން ޓޫރިޒަމް ސެކްރެޓަރީ ވިދާޅުވެފައި ވަނީ ބައްދަލުވުން އޮންނާނެ ކަމަށާއި އެކަންވަނީ ފައިނަލްކޮށް ނިމިފައި ކަމަށެވެ.

ކަޝްމީރަކީ ޕާކިސްތާނާއި އިންޑިއާއާ އަދި ޗައިނާ އާ މެދު އަބަދުވެސް ފުށޫއެރުންތައް އޮންނަ ސަރަހައްދެކެވެ. ނަމަވެސް، އެ ސަރަހައްދުގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ އިންޑިއާއިން ކަމަށް ވާއިރު އެއީ ޕާކިސްތާނާއި ޗައިނާއަށް އެކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

ޖީ20 ސަމިޓުން އިންޑިއާ ހާސިލު ކުރަން ބޭނުންވާ އަނެއް ކަމަކީ، އެ ސައިޓަށް ދާ ކޮންމެ މީހަކީ ބްރޭންޑް އެމްބެސެޑަރަކަށް ހެދުމާއި އެމީހުންގެ ފަރާތުން އިންޑިއާގެ ފަތުރުވެރިކަން އިޝްތިހާރުވެގެން ދިޔުމެވެ.

ޖީ20 ގެ ބައްދަލުވުމުގައި އިންޑިއާއަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނެ ކަމަށް ބެލެވެނީ މިހާރު ކުރިއަށް ދާ ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކަށް ހުޅަނގުން ފާޑުކިޔުމެވެ. ޖީ20 ގެ ބައްދަލުވުންތަކަށް އިންޑިއާ ތައްޔާރު ވާ އިރު 20 ގައުމު ހިމެނޭ އެ ބައްދަލުވުންތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުން ތާވަލް ކޮށްފައި ވަނީ ސެޕްޓެމްބަރު 9 އިން 10 އަށް ދިއްލީގައި ބޭއްވުމަށެވެ.