ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޖަނާޒާ މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ރަޝީދުގެ އާއިލާއިން ބުނީ، ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު 1:30 ގައި ރަޝީދުގެ ހަށިގަނޑު މާލެ ގެންނާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަން ހަމަޖެހިފައި ވަނީ، މަޣްރިބު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގައެވެ.

ރަޝީދުގެ ހަށިގަނޑު މިދިޔަ މަހު 31 ވަނަ ދުވަހު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި ވަނީ އާއިލާއިން ތަކުރާރުކޮށް ދެކޮޅު ހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދެމުން ދަނިކޮށެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓަށް އާއިލާއިން ހުށަހެޅި މައްސަލާގެ ހުކުމުގައި ވަނީ އިހުމާލެއްގެ ސަބަބުން މީހަކު މަރުވި ކަމުގެ ތުހުމަތު ކުރެވޭ ކަންކަމުގައި އެ މީހާ މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބޭ ކަމަށެވެ.

މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ގދ. ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި ރަޝީދު ހައްޔަރު ކޮށްގެން ގެންދަނި ކޮށް މެޔަށް ތަދެއް އަރައި، ފިޓް ޖެހެން އުޅޭ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް މަޑަވެލި ހެލްތް ސެންޓަރު ދޮށަށް ވަނީ ގިނަ ބަޔަކު އެއްވެ ރަޝީދު މަރުވީ ފުލުހުން ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އެހެންކަމުން އެ ހާދިސާ އާ ގުޅޭ މައުލޫމާތު އެންއައިސީ އަށާއި އެޗްއާރުސީއެމަށް ހިއްސާ ކޮށްފައި ވާ ކަމަށާއި އެ ހާދިސާ ތަހުގީގުކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.