ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ވަލުތެރޭގެ ސައިކަލު ރޭސް މިއަދު މަކުނުދޫގައި ފަށައިފިއެވެ

ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރުއޭއެމް) އިން "ހިކިފަސް ޕްރޯ" ގެ ނަމުގައި މިއަދު ފެށި މި ރޭހަކީ މޮޓޯ ސްޕޯޓްސް ކުރިއަރުވަން ކުރާ މަސައްކަތެވެ.

އެ ރޭހުގައި 5 ޓީމަކުން ބައިވެރިވިއިރު ޖުމްލަ 17 ރައިޑަރުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 7 ރައިޑަރުންނާއު މަކުނުދޫން 5 ރައިޑަރުންގެ އިތުރުން އެހެން ރަށްރަށުގެ 5 ރައިޑަރުންނެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މުބާރާތުގައި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާއިރު މޮޓޯ ސައިކަލް ސޭފްޓީ ގާޑް ކިޓާއި ބޫޓާއި ހެލްމެޓު އަދި އަންގިގެ އިތުރުން ރެޑް ކްރެސެންޓުގެ ޓީމަކާއި ސީ އެމްބިއުލާންސް ވެސް ވަނީ ތައްޔާރުކޮށްފައެވެ.

އެ މުބާރާތުގެ ހެނދުނު ސެޝަން މިއަދު ހެނދުނު 8 އިން 10:30 އަށް ކުރިއަށް ގެންގޮސްފައިވާއިރު ހަވީރު ސެޝަން މެންދުރުފަހު 2 ޖަހާއިރު ވަނީ ފަށާފައެވެ. އަދި ހަވީރު ސެޝަން ނިންމާލަން ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރު ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.