މުދަލުގެ އަގު ބޮޑުވަންދެން ބަހައްޓާ އަގު ބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުމަކީ ފާފަވެރިއަކު ނޫނީ ނުކުރާނެ ކަމެއް ކަމަށް މިއަދުގެ ހުތުބާ ބުނެފިއެވެ.

މިއަދުގެ ހުތުބާގެ މައުޟޫއަކީ މަކަރާއި ހީލަތްހެދުމެވެ.

އެގޮތުން އިހްތިކާރު ކޮށްގެން ފައިސާ ހޯދުމަކީ އިސްލާމްދީނުގައި ހުއްދަ ވެގެންވާ ކަމެއް ނޫން ކަމަށާއި އިހްތިކާރު ކުރުމަކީ މީސްތަކުންނަށް ބޭނުން ޖެހިފައިވާ މުދަކެއް ބާޒާރަށް ނުނެރެ ހިފެހެއްޓުމަށް ފަހު އެ މުދަލުގެ އަގުބޮޑުވުމުން ބާރާޒަށް ނެރެ ބޮޑު އަގުގައި ވިއްކުން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. އަދި އިހްތިކާރު ކުރުމަކީ މާތް ނަބިއްޔާގެ ސުންނަތުން މަނާ ކުރައްވާފައިވާ މުއާމަލާތެއް ކަން ކަށަވަރުވެގެންވާއިރު ވަކިން ހާއްސަކޮށް ކޮއްތުގެ ގޮތުގައި މީސްތަކުން ބޭނުންކުރާ ބާވަތްތައް އިހްތިކާރު ކުރުމުގެ ފާފަ ވަކިން ބޮޑުވެގެންވާ ކަމެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

"މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވެއެވެ " ފާފަވެރިޔަކު މެނުވީ އިހްތިކާރު ނުކުރާނެތެވެ.""
ހުތުބާ

ހުތުބާގައި ވަނީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބްރޭންޑުތަކުގެ ކާބޯތަކެއްޗާއި ހިފާގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި މިނޫނަސް ވަރަށް ގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނައިރު ވިޔަފާރި ކުރުމުގެ ބޭނުމުގައި އެ ބާވަތް ބާވަތުގެ މުދާ އެތެރެކޮށް ވިއްކާއިރު ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރު ހަދަމުންދާކަމުގެ ޝަކުވާގެ އަޑުތައް މުޖުތަމައުން އަބަދުވެސް އިވެމުންދާ ކަމަށް ބުނެފައެވެ.

މުދާއެތެރެކޮށް ވިއްކުމުގައި ބައެއް ވިޔަފާރިވެރިންގެ މަކަރުހަދާއި އޮޅުވާލާ ފެންވަރު ދަށް މުދާ، ނަން މަޝްހޫރު ބްރޭންޑުތަކުގެ ނަމުގައި އަގުބޮޑުކޮށް ވިއްކުމާއި އެ ފަދަ ބްރޭންޑުތަކުގެ ނަމުގައި ފެންވަރުދަށް މުދާ އެތެރެކޮށް ބޮޑުތަނުން އަގުހެޔޮކޮށް ވިއްކާކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

މަކަރުހަދާއި އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައަކަށްވާއިރު ކޮންމެ މީހަކުވެސް ދުނިޔަވީ ހަޔާތުގައި މަސައްކަތް ކުރުމުން ދަނީ އުހުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ކަމަށްވާއިރު ވިޔަފާރިއާއި އެ ނޫން މުއާމަލާތްތަކުގައި ވެސް މަކަރު ހަދާ އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވެގެންދާނެ ކަމެއް ކަމަށް ހުތުބާގައި ބުނެއެވެ.

"މާތް ﷲ ހަރާމްކުރައްވާފައިވާ ގޮތްހޮތުން ހޯދާ ފައިސާ ހޭދަކުރަމުންދަނީ އަމިއްލަ ނަފްސަށާއި ތިމާގެ ލޯބިވާ އަނބިދަރިންނާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަންކަށް ނޫން ހެއްޔެވެ؟ ތިމާގެ އަތުން ތިމާ ލޯބިވާ މީހުންނަށް ހަރާމް މުދަލާއި ފައިސާއިން ކާންދެމުން ގެންދާއިރު މިކަމުގެ ނުބައިކަމާ މެދު ވިސްނާލިން ހެއްޔެވެ؟"
ހުތުބާ

އަމިއްލަ މީހާއާއި އަނބިދަރިން ކާން ބޭނުންކުރާ ތަކެއްޗާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ތަކެއްޗާކީ ﷲ ހުއްދަކުރައްވާފައިވާ ގޮތަށް ހޯދާ ތަކެއްތި ކަމުގައިވުމަކީ ލާޒިމުވެގެންވާ ކަމަށްވާއިރު ލިބޭ އާމްދަނީ މަދުވެގެން އާމްދަނީ އިތުރުކުރުމަށްޓަކައި ނަމަވެސް ދީނުގައި ހުއްދަނޫން މަގުތައް އިހުތިޔާރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މާތް ނަބިއްޔާ މަނާ ކުރައްވާފައިވާ ކަމެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.