ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ހާނަށް އަމާޒުކޮށް އިއްޔެ ދިން ބަޑީގެ ހަމަލާ އަދާލަތު ޕާޓީއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފިއެވެ.
އިއްޔެ އިމްރާނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި ވަޒަން އަރާފައި ވަނީ އޭނާގެ ފަޔަށެވެ. އެ ހަމަލާއަކީ އިމްރާން އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކަމާ ގުޅިގެން އަދާލަތު ޕާޓީއިން ބުނީ އިމްރާނަށް ދިން އެ ފިނޑި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ކޮންމެ ސިފައެއްގައި އަނިޔާއެއް ކުރި ނަމަވެސް އެކަން ކުށްވެރިކުރަން ޖެހޭ ކަމަށެވެ. އަދި އަނިޔާވެރިކަމަށް އެއްވެސް މުޖުތަމައެއްގައި ޖާގައެއް އޮވެގެން ނުވާނެ ކަމަށް އަދާލަތުން ބުނެއެވެ.
އަދާލަތުން ވަނީ އެ ހަމަލާގައި އިމްރާންގެ އިތުރުން އަނިޔާވި އެންމެންނަށްވެސް އަވަސް ޝިފާއަކަށް އެދިފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އިމްރާން އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވީތީ އުފާ ކުރާ ކަމަށާއި އެ ހަމަލާގައި ބައިވެރިވި ހުރިހާ ކުށްވެރިން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.