ފެނަކަ ކޯޕަރޭޝަނުން އުސޫލުތަކާއި ހިލާފަށް ފައިސާ ދޫކުރުމުން މިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ މައްސަލަތަކެއްގައި އެ ކުންފުނީގެ ކުރީގެ އެމްޑީ މިޙާރު ކ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފިއެވެ

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2014 އަދި 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާއި ގުޅިގެން، ސަޕްލަޔަރުންގެ މަސްލަޙަތަށް އިސްކަންދީފައި ވާކަން ފާހަގަ ކުރެވުނު މައްސަލައެކެވެ.

އޭސީސީން ބުނީ، މިމައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ލިޔެކިއުންތަކުން އެއްބަސްވުންތަކާ ގުޅިގެން އެ އެއްބަސްވުން ތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީ ކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ މުއްދަތުގެ ފަހުންކަން އެނގިފައިވާ ކަމަށެވެ.

އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި، ކަނޑައަޅާފައިވާ ތާރީހުގައި މުދާ ޑެލިވާ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވާކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑޭމޭޖަސް އުނިކުރެވޭނެކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ އެއްބަސްވުންތަކާ ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައި ވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ އަދަދަށް ވުރެ މަދުން އުނިކޮށްގެންކަން ތަހުގީގަށް އެނގޭ ކަމަށް ވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައި ނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށް ވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައި ވާތީ، 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައި ވާކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން މިމައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކުން ފެނަކަ ކޯޕަރޭޝަނުގެ މަސްލަހަތަށް ވުރެ އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މަސްލަޙަތަށް އިސްކަންދީފައި ވާކަން ތަހުގީގަށް ވަނީ ހާމަވެފައިވާ ކަމަށާއި އެހެންކަމުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ތުހުމަތު ކުރެވޭ 4 މީހުން:

  • ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް (މ. ކޮކާހަނދުވަރު / ކ.މާލެ)
  • ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި މިންހާޖު ވަޙީދު (ދަފްތަރު ނަންބަރ، ރސ 13520/ކ. މާލެ)
  • ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައި އޭރު ހުރި އަޙްމަދު ޞާލިޙު ނާޞިރު (މޫންލައިޓް ހައުސް / ސ. މަރަދޫފޭދޫ)
  • ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙުމަދު ޢަޒްލީމް (ރޯޒްގާޑަން / ސ. ހުޅުދޫ)

މި ހަތަރު މީހުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރާ ކަމަށް އޭސީސީން ބުނެއެވެ. އަދި މިމައްސަލާގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.