ބ. ކެެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 1200 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު (40x20m) ފުން ކުރުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން އަދި 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫއުއަކީ 41.1 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސިސީއާ ހަވާލުކޮށްފައިވާ މާޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، 1390 މީހުންގެ އާބާދީގެ ކެންދޫއަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެއް ކަމަށާއި ބިމުގެ ބޮޑުމިނުގައި 17.9 ހެކްޓަރު ހުންނަ މި ރަށުން ރަށްގިރުމުގެ ސަބަބުން ވަށައިގެން އެތަކެއް ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
އަދި އެތައް ރުއްގަހެއް ވެސް ވެއްޓި ނެތިގެން ގޮސްފައިވާ ކަމަށާއި އިރުއުތުރު ފަރާތުން ގާތްގަނޑަކަށް 20 ފޫޓައްވުރެ ބޮޑު ސަރަހައްދެއް ގިރައިގެން ދިޔުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެވަޅުތަކުން ވެސް ފަސްގަނޑު ގިރައިގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން މުޅި ކެންދޫ ގޮންޑުދޮށް އެއްކޮށްހެން ރަށް ގިރުމުން ހިމާޔަތްކުރެވިފައިވާ ކަމަށެވެ.
މިއީ ކެންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއުއެއްގޮތުގައި ދެކޭ ކަމަށް އެމްޓީސީސީން ބުނެއެވެ.