ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، އެ މަސައްކަތް ފަށާފައި ވަނީ އިއްޔެ ކަމަށާއި، މިހާރު ކުރިއަށް ދަނީ ބަންޑް ވޯލް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށެވެ.

"ލޭންޑް ރިކްލެމޭޝަން ފޯ އިންޑަސްޓްރިއަލް ޒޯން އެންޑް ޝޯ ޕްރޮޓެކްޝަން" ޕްރޮޖެކްޓް އަކީ 125.22 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން 10.6 ހެކްޓަރުގެ ސަރަހައްދެއްގެ ހިއްކަން ހަމަޖެހިފައިވާ އިރު 1521 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެވެ. 555 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި، 4492 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާޑް އާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން އެއް ކޮންކްރީޓް ބްރިޖު އެޅުމަށް ވަނީ ހަމަޖެހިފައެވެ.