އެސްޓީއޯއިން ވިއްކަމުން އަންނަ ދަގަނޑުގެ އަގު 14 ޕަސެންޓާ ހަމައަށް ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކަމުން ދާ ދަގަނޑުގެ އަގު މި މަހުގެ 1 އިން ފެށިގެން ހެޔޮކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށާއި އެގޮތުން ދަގަނޑުގެ ބާވަތްތަކުން 14 ޕަސެންޓާ ހަމައަށް އަގުތަށް ދަށްކޮށްފައިވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ދިޔަ ދިޔުމުގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގުގެ އިތުރުން ދަގަނޑުގެ އަގުތަކަށްވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ.

އެސްޓީއޯއިން ބުނީ އެހެންނަމަވެސް ރާއްޖޭގެ މާކެޓް ތެރޭގައި އަގުތައް ކޮންޓްރޯލްކޮށް އެންމެ ކުޑައަގެއްގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ވަނީ މެދުކެނޑުމެއްނެތި މަސައްކަތް ކޮށްފައި ކަމަށެވެ.

ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވެމުން ދާއިރު އިމާރާތް ކުރުމުގައި އެހެނިހެން ސާމާނުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.