ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އަންނަ އަހަރު މަސްވެރިކަން ކުރިއެރުވުމަށް 50 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް އެކުލަވާލަމުން އަންނަ ކަމަށް ފިނޭންސުން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނީ، ވޯލްޑް ބޭންކްގެ ދިވެހިރާއްޖޭގެ ޕްރޮޖެކްޓް ޕޯޓްފޯލިއޯ ރިވިއުގެ ހޯދުންތައް ހިއްސާ ކުރަމުންނެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ވަނީ ކުރިއަށް އޮތްތާނގައި ލިބޭ ހިލޭ އެހީގައި ކުދި ކުދި އެކި ޕްރޮޖެކްޓް ހިންގުމުގެ ބަދަލުގައި، އިގްތިސޯދަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ބިޔަ ބޮޑެތި ޕްރޮޖެކްޓަކަށް އަމާޒު ކުރުމަށް އެދިފައި ކަަމަށް ފިނޭންސުން ބުނެއެވެ. އެ ގޮތުން އަންނަ އަހަރު މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ޕްރޮޖެކްޓެއް ޕްލޭން ކުރަމުންދާ ކަމަށް ފިނޭންސުން ބުނެއެވެ.

2022 ވަނަ އަހަރުގެ ޕޯޓްފޯލިއޯ ރިވިއު ކުރިއަށް ގެންގޮސްފައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ވޯލްޑް ބޭންކާއެކު މަޝްރޫއުތައް ހިންގަމުން ގެންދާ މުއައްސަސާތަކާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާއި ދިރާސާތަކަކަށް ބިނާކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިއީ ވޯލްޑް ބޭންކުގެ ލޯން އަދި ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ކުރިއެރުންތަކާއި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ ރިވިއު އެކެވެ.

މި ވަގުތު ވޯލްޑް ބޭންކުގެ އެހީގެ ދަށުން 10 ޕްރޮޖެކްޓް ކުރިއަށް ގެންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެއީ ކުނި މެނޭޖް ކުރުމުގެ ދާއިރާއިންނާއި، އިއާދަކުރުވަނިވި ހަކަތައިގެ ޕްރޮޖެކްތަކާއި، އިންސާނީ ވަސީލަތްތަށް ކުރިއެވުމުގެ ދާއިރާއިންނާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިންނާއި، އިޖްތިމާއީ އިންޝުއަރެންސް ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓާއި އަދި އުމްރާނީ ތަރައްގީ އާއި ކާރިސާތަކުން ވިލުންވެރިކަން އިތުރު ކުރުމާ ގުޅޭ ޕްރޮޖެކްޓަކާއި، ޑިޖިޓަލް ޑިވެލޮޕްމަންޓްގެ ރޮނގުންނާއި ކޮވިޑްގެ ސިއްހީ ގެއްލުންތަކުން އަރައިގަތުމުގެ ގޮތުން ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކެވެ.

މި ރިވިއުގައި މައިގަނޑު ގޮތެއްގައި ފާހަގަވެގެން ދިޔައީ ޕްރޮކިއުމެންޓް މަސައްކަތުގައި ދިމާވާ ލަސްވުންތަކާއި، މަޝްރޫއު ހިންގުމަށް ބޭނުންވާ އެކަށީގެންވާ ފަންނީ މުއައްޒަފުން ހޯދުމުގެ ދަތިކަމުން ދިމާވާ މައްސަލަތައް ކަމަށް ފިނޭންސުން ބުނެއެވެ. ފިނޭންސް މިނިސްޓްރީ އިން ވަނީ ޕްރޮޖެކްޓްތައް ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކެއް ކަރުދާހެއްގެ ގޮތުގައި އެކުލަވާލާފައި ވޯލްޑް ބޭންކާ ހިއްސާ ކޮށްފައި ކަމަށް ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕްރޮޖެކްޓް ހިންގާ ފަރާތްތަކާ ވެސް ކަރުދާސް ހިއްސާ ކުރާނެ ކަމަށް ފިނޭންސުން ބުނެއެވެ.

މި ކަރުދާހުގައި މިހާރު ދިމާވާ "ޕްރިންސިޕަލް އެޖެންޓް" އަދި "އިންފޮމޭޝަން އެސީމިޓްރީ" މައްސަލަތަކަށް އަލިއަޅުވައި ހައްލު ވާނީ ބަޔާންކޮށްފައި ކަމަށް ފިނޭންސުން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވަކި ވަކި ޕްރޮޖެކްޓް ހިންގުމަށް "ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް" ތައް ހެދުމުގެ ބަދަލުގައި ގުޅުން ހުރި އިދާރާގެ އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ނުވަތަ "އިންސްޓިޓިއުޝަނަލައިޒް" ކުރުމުގެ ފައިދާތަކަށް ވެސް އަލިއަޅުވާލާފައިވާ ކަމަށް ފިނޭންސުން ބުނެއެވެ. އޭގެ ތެރޭގައި ތަޖުރިބާ އާއި ކަމާބެހޭ އިލްމު އެތަނެއްގައި ދިގު މުއްދަތަކަށް ހިފެހެއްޓި، އުފެެއްދުންތެރިކަން އިތުރުވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީ އިން ޕްރޮޖެކްޓް ހިންގުމާ ހަވާލުވާ ޑައިރެކްޓަރުންގެ މަސައްކަތުގެ ފެންވަރު ޕްރޮޖެކްޓާ އެކީ ވަޒަން ކުރާނެ ކަމަށް ވެސް ފިނޭންސުން ބުނެއެވެ. މި އަހަރު ތެރޭގައި އެކަށީގެންވާ ފެންވަރެއްގައި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުދާ ދެ މަޝްރޫއެެެއްގެ މެނޭޖަރުން ވަނީ ޒިންމާތަކުން ދުރުކުރެވި ކޮންޓްރެކްޓް އާނުކޮށް އާ މެނޭޖަރުން ނެގުމަށް ނިންމާފައި ކަމަށް ފިނޭންސުން ބުނެއެވެ.

ފާއިތުވި އަހަރު ފިނޭންސް މިނިސްޓްރީން ވަނީ މިފަަދަ ޕްރޮޖެކްތަކުގެ ރެކްރޫޓްމަންޓް ހަރުދަނާކޮށް އެކި ޕްރޮޖެކްޓް އެއް ފަހަރާ ހިންގުމަށް "ހައިބްރިޑް" މޮޑެލް ގެ ޕީއެމްޔޫ ތަައާރަފު ކޮށްފައެވެ. މިއީ ކޮންމެ މަޝްރޫއަކަށް ވަކިވަކި ޕީއެމްޔޫ އުފެއްދުމުގެ ބަދަލުގައި އިސްރާފު މަދުކޮށް އެފިޝެންސީ އިތުރުކުރުމަށް ގެނައި ބަދަލެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

2022 ވަނަ އަހަރު ވަނީ މަޝްރޫއުކަގުގެ "ޑިސްބާސްމެންޓް" ނުވަތަ ކުރިއަށް ދިޔަ މިންވަރު ވަނީ ފާއިތުވެ ދިޔަ އަހަރުތަކާ ބަލާއިރު އިތުރު ވެފައެވެ. އަދި މި އަހަރު ތެރޭގައި ދެ މަޝްރޫއެއް ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.