ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ އާދީއްތަ ދުވަހު އައްޑޫ ސިޓީ އަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވާނީ މި މަހުގެ 9 ވަަނަ ދުވަހު ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ވަކި ޕާޓީއަކަށް ބެލުމެއް ނެތި އައްޑޫގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް މި ފަހަރު އޮންނާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އެގޮތުން ރައްޔިތުން ރައީސް ޔާމީންގެ ކުރިއަށް އޮތް ވެރިކަމެއްގައި އައްޑޫ ސިޓީގެ ތަރައްގީއަށް އަދި އައްޑޫއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޮށްދެއްވަން ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލައި އަދި އެ ވާހަތަކުގައި އަލީގައި ރައީސް ޔާމީން އައްޑޫއާ ދޭތެރޭ ދެކެވަޑައިގަންނަވާ ތަސައްވަރު ހާމަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

2023 ގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޔާމީން އަތޮޅުތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި ދާދިފަހުން ނ އަތޮޅު ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއަށް ވެސް ވަނީ ވަޑައިގެންފައެވެ.