އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ހިމެނުމަށް ފެނިވަޑައިނުގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފެށްޓެވުމުގެ ކުރިން ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓާ އެކު، މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ފާހަގަކުރެއްވި ކަމަށެވެ.

މި އަހަރަށް ދައުލަތުން ލަފާކޮށް ފާސްކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދެ ބަޖެޓުގެ ތަފާތަކީ 5.8 ބިލިއަން ރުފިޔާއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ހުއްދަ ނެތި، ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ދައުލަތުން ހަރަދުކޮށްގެން ނުވާނެއެވެ. އަދި މާލިއްޔަތު ގާނޫނުގައިވާ ގޮތުން، ބަޖެޓަށް ބޭނުންވާ އިތުރު ފައިސާ މަޖިލިހަށް ފާސްކުރަން އެދި ހުށަހަޅާނަމަ، އެ ފައިސާ ބޭނުންވާ ދުވަހުގެ މަސް ދުވަސް ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދައުލަތުގެ ބަޖެޓުގެ މިންވަރަށް ވުރެ 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ވެދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ވިދާޅުވެ، އެކަން 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވާއިރު، ބަޖެޓުގައި 2022 ވަނަ އަހަރަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓެއް ހިމެނޭނެ ގޮތެއް އަޅުގަނޑަކަށެއް އަދި ނުފެނޭ."
މުހައްމަދު ނަޝީދު | މަޖިލިހުގެ ރައީސް

"ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދެ މަސް ތެރޭގައި 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރައްވާނެ ކަމަށް އަޅުގަނޑަށް އަންދާޒާއެއް ނުކުރެވޭ. އެހެންވީމަ މިހާތަނަށް އައިއިރު މަޖިލީހަށް ހުށަހަޅުއްވައި ފާސް ކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ މިންވަރެއް ހަރަދު ކުރައްވާފައިވާ ކަން ވެސް ސާފުވާކަށް ނެތް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މިއީ މައްސަލައެއް، އަދި އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ހަނދުމަފުޅުކޮށް އަރުވަން ޖެހޭ ނުކުތާ އެއް." ނަޝީދު ވިދާޅުވިއެވެ.

މަޖިލިހުގައި މެންބަރުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ދިޔަ ކަމުގައިވީ ނަމަވެސް، ސަރުކާރުން ހުށަހަޅާ ބިލުތަކާއި ބަޖެޓުތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ނުހިންގޭ ކަމަށްވާ ނަމަ، ދުވަހުން ދުވަހަށް އަތުން ކަންކަން ދޫވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.