މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީސްގެ އެކްޓިން ސީއީއޯގެ މަގާމުގައި ހުންނެވި ސުޖާތާ ހަލީމް އެ އޮފީހުގެ ސީއީއޯއަކަށް އައްޔަން ކޮށްފިއެވެ.

ޕެންޝަން އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ޕެންޗަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުގެ ބޯޑުން އެ އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް މިއަދުން ފެށިގެން 5 އަހަރުގެ މުއްދތަަށް އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމް އަދާ ކުރައްވާފައެވެ. ޕެންޝަން އޮފީހުން ބުނީ، ސުޖާތާއަކީ ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އެގޮތުން ވޯލްޑް ބޭންކުން ކުރިޔަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމާއި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވައިލައި ތަންފީޒު ކުރުމުގައި ވެސް ސުޖާތާ އިސް ރޯލެއް އަދާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެ އޮފީހުގެ އަމާޒަކީ ސުޖާތާ ހަލީމްގެ އިސްނެންގެވުމުގެ ދަށުން ޕެންޗަން އޮފީސް އިތުރު ހަރުފަތަކަށް ގެންދިއުމައްޓަކައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެން ދިއުން ކަމަށެވެ.

ޕެންޝަން އޮފީހުގައި ކުރިން ސީއީއޯގެ މަގާމުގައި ހުންނެވި ޖޯން ގްރިންޑަލް އެ މަގާމުން ވަކި ކޮށްފައި ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ފެންމަތިވުމަށް ފަހުއެވެ.