އިއްޔެ ގެނބިގެން ފަރުވާ ދެމުން ދަނިކޮށް މަރުވި، ކ. މާފުށީގައި ޓްރެއިނިން ފުރިހަމަ ކުރަމުން ދިޔަ އަންހެން އޮފިސަރުގެ ހަށިގަނޑު އައްޑޫއަސް ގެންދަން ނިންމައިފިއެވެ.

މަރުވި އޮފިސަރަކީ ސ. ހިތަދޫ އަސުރުމާގޭ އާމިނަތު ނަޝްވާ ނަސީމެވެ. އުމުރުން 18 އަހަރުގެ ނަޝްވާގެ ހަށިގަނޑު އައްޑޫ ހިތަދޫއަށް ގެންދަން ނިންމާފައިވާ އިރު އޭނާގެ ހަށިގަނޑު މި ވަގުތު އޮތީ ގަލޮޅު މޯޗަރީގައެވެ.

ކަރެކްޝަންސް ސާވިސް އިން ބުނީ، މި ހާދިސާއާ ގުޅިގެން އެ ސާވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގާފައި ކަމަށެވެ. އަދި އާއިލާއާ ގުޅިގެން ނަޝްވާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ..

އޭނާ އަކީ މާފުށީގައި ޓްރެއިނިން ހަދަމުން ދިޔަ ކަރެކްޝަންސްގެ މުވައްޒަފެކެވެ. އޭނާ ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:15 ހާ އިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިރު، އިތުރު ފަރުވާ އަށް އޭނާ މާލެއަށް ގެނެސް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ. އަދި އޭނާ މަރުވީ އައިޖީއެމްއެޗް އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާ މަރުވީ މިއަދު މެންދުރު ފަހު 2 ޖަހާކަށް ހައިރު އެވެ.

ނަޝްވާގެ ހަށިގަނޑު މޯޗަރީގައި އޮތް އިރު އޭނާގެ ހަށިގަނޑު އޭނާ އުފަން ރަށަށް ގެންދަނީ ކޮން އިރަކުކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. ހިތަދޫއަށް ނަޝްވާގެ ހަށިގަނޑު ގެންދަނީ އޭނާގެ ޖަނާޒާގެ ކަންކަން ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.