ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމުގެ ކުރިން އާއިލާއަށް މޫނުދައްކައިފިއެވެ.
ރަޝީދުގެ މޫނު ކުޑަ ވަގިތުކޮޅަކަށް އާއިލާއަށް ދެއްކި ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ގަލޮޅު މޯޗަރީއަށް ޖަމާވެފައެެވެ.
އާއިލާއިން ދެކޮޅު ހެދި ނަމަވެސް ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން މިރޭ ފަތިހު ފޮނުވަން ނިންމާފައިވާއިރު އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ އިހުމާލެއްގެ ސަބަބުން މީހަކު މަރުވި ކަމުގެ ތުހުމަތު ކުރެވޭ ކަންކަންމުގައި އެ މީހާ މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބޭ ކަމަށެވެ.
މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ގދ. ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި ރަޝީދު ހައްޔަރު ކޮށްގެން ގެންދަނި ކޮށް މެޔަށް ތަދެއް އަރައި، ފިޓް ޖެހެން އުޅޭ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް މަޑަވެލި ހެލްތް ސެންޓަރު ދޮށަށް ވަނީ ގިނަ ބަޔަކު އެއްވެ ރަޝީދު މަރުވީ ފުލުހުން ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އެހެންކަމުން އެ ހާދިސާ އާ ގުޅޭ މައުލޫމާތު އެންއައިސީ އަށާއި އެޗްއާރުސީއެމަށް ހިއްސާ ކޮށްފައި ވާ ކަމަށާއި އެ ހާދިސާ ތަހުގީގުކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.