ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗާގޯސްގެ ރަށްތައް ބެހުމާ މެދުގައި މޮރިޝަސްއާ އެކު މަޝްވަރާ ކުރެއްވި ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ "ފޯޅަވަހި: ރާއްޖޭގެ ފަޅުރަށެއް" މި ނަމުގައި އިއްޔެ އާންމު ކުރެއްވި ލިޔުއްވުމެއްގައެވެ.
ނަޝީދު ވިދާޅުވީ، އިނގިރޭސި ދައުލަތުން ފޯޅަވަހި ދޫކޮށްލާ އިރެއްގައި އެ ރަށުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރޭނީ އެ ރަށުގެ އަހުލުވެރީންނަށް ކަމަށާއި ފޯޅަވަހީގައި ބަޔަކު ނެތްއިރު އެ މީހުން ތިބީ ޑިއޭގޯ ގާސިއާ އަތޮޮޅުގައި ކަމަށެވެ.
ފޯޅަވަހީގައި ދިވެހިން ނުވަތަ ހާއްސަ ގޮތެއްގައި ފުވައްމުލަކު މީހުން ބަނޑަހަޖަހައިގެން މަސްވެރިކަން ކުރަމުން ދިޔަ ކަމަށާއި މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މޮރިޝަސްގައި ދެވޭ އެންމެ މަތީ ޝަރަފް ކަމުގައިވާ "ގްރޭންޑް ކޮމާންޑާ އޮފް ދި އޯޑާ އޮފް ދަ ސްޓާ އެންޑް ކީ އޮފް ދި އިންޑިއަން އޯޝަން" (ޖީސީއެސްކޭ)، އަރުވާފައިވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މޮރިޝަސްއާއެކު އަބަދުވެސް ވާހަކަ ދެކެވުނީ ޗާގޮސްގެ ރަށްތައް ބެހުމާ ގުޅޭގޮތުން ކަމަށެވެ.
މީގެ ކުރިން މި މައްސަލައާ ގުޅިގެން ނަޝީދު ވިދާޅުވީ، މިވަގުތު ފޯޅަވައްސަކީ އެއްވެސް ގައުމެއްގެ ތަނެއް ނޫން ކަމަށެވެ. އަދި އެތަން މިވަގުތު ބަލަހައްޓަނީ އިނގިރޭސިން ކަމަށާއި އެކަމަކު، އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
ނަޝީދު ވިދާޅުވީ، އިހުޒަމާނުގައި ފޯޅަވައްސަކީ މީހުން ދިރިއުޅުނު ތިއާގި ރަށެއް ކަމަށެވެ. އަދި 1500 އަހަރުތަކަށް ފަހުން ކުރަހަމުން އައި ގިނަ ރާއްޖޭގެ ޗާޓުތަކުގައި އައްޑޫގެ ދެކުނުންވާ އަތޮޅަކީ ފޯޅަވަހި ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިގޮތުން، ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވައްސާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމް ކޮށްފައިވާ ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދިނީ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށް ރާއްޖޭން އޭރު ބުންޏެވެ. ނަމަވެސް މިހާރު ރާއްޖެއިން ވަނީ އެ ދެކޮޅު ހެދުން ދޫކޮށް މޮރިޝަސް އަށް ތާއީދުކޮށްފައެވެ.
މި މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވަނީ ސަރުކާރުގެ އަމަލާއި ވާހަކަތައް ހުރި ގޮތުން މިކަމުގައި އިންޑިއާގެ ދައުރާއި ނުފޫޒު އޮތް ކަމަށް ގަބޫޫލު ކުރެއްވޭ ކަމަށާއި މޮރިޝަސް އަކީ އިންޑިއާއާ ވަރަށް ބޮޑު ގުޅުމެއް އޮތް ގައުމެއް ކަމަށް ފާހަގަ ކުރައްވާފައެވެ.
އިންޑިއާއިން ރާއްޖޭގެ މެދާއި އުތުރުގައި އަދި ލ އަތޮޅުގައިވެސް ބަނޑަހަ ޖަހައިފި ކަމަށް ވިދާޅުވަމުން މުނައްވަރު ވަނީ މި މައްސަލާގައި އިންޑިއާގެ ނުފޫޒު އޮތުމުގެ ފުުރުސަތު ބޮޑު ކަމަށާއި ކަންކަން ހާމަ ކުރެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މުނައްވަރު ވަނީ އެ ވާހަކަ ވިދާޅުވަނީ ސިޔާސީ ވެގެން ނޫން ކަމަށާއި އެއީ ރާއްޖެ މިހާރު އޮތް ހާލަތުން ވިދާޅުވާން ޖެހޭ ވާހަކައެއް ކަމަށެވެ.
މީގެ އިތުރުން ޗާގޮސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑު ބަދަލުވުން ގުޅިފައިވަނީ އިންޑިއާއާ ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވެސް ވަނީ ވިދާޅުވެފައެވެ.