އީސާއީންގެ ހެލޮވީން ފާހަގަ ކުރަން މިއަދު ދެކުނު ކޮރެއާގައި އޮތް އެއްވުމެއްގައި ހާސްވެގެން ގިނަ ބަޔަކު ހާޓުއެޓޭކް ޖެހި މަރުވެއްޖެ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ސީއެންއެން އާއި ބީބީސީ އަދި ދެކުނު ކޮރެއާގެ މީޑިއާތަކުން ބުނާ ގޮތުގައި، ހެލޮވީން ފާހަގަ ކުރަން އެއްވި މީހުންގެ ގިނަ ކަމާ އެކު، ފިތިގެންނާއި ހާސްވެގެން 81 މީހަކަށް ފަރުވާ ދޭން ޖެހުނު އިރު އޭގެ ތެރެއިން ބަޔަކު މީހުން ހާޓްއެޓޭކް ޖެހި މަގުމަތީގައި މަރުވެފައި ވާ ކަމަށް ބުނެއެވެ.

މަރުވި އަދަދު ސާފު ނުވި ނަމަވެސް ސިއްހީ އެހީތެރިން މަގުމަތީގައި ގިނަ ބަޔަކަށް އަވަސް ފަރުވާ ދޭ މަންޒަރާއި ބައިވަރު ބޮޑީ ބޭގް (މީހުން މަރުވީމައި ލާ ކޮތަޅު) ހުރި ތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އާންމު ވެފައެވެ.

މިހާދިސާއާ ގުޅިގެން ކުއްލި ހާލަތުގައި ހަރަކާތްތެރިވާ އެހީތެރިންވެސް ހެލޮވީން ބޭއްވި ސަހަރައްދަށް ގޮސްފައި ވާ އިރު ކާރިސާތަކުގައި ހަރަކާތްތެރިވާ މީހުން ވެސް އެ ސަރަހައްދަށް ދާން އެގައުމުގެ ރައީސް ޔޫން ސުކު ޔިއޯލް ވަނީ އަންގަވާފައެވެ.

ހަބަރުތައް ބުނަ ގޮތުން، ކޮވިޑްގެ ބަލިމަޑުކަމަށް ފަހު މާސްކް ނާޅާ ހެލޮވީން ފާހަގަ ކުރަން ހުއްދަ ދިނުމާއެކު 100،000 އަކަށް ވުރެ ގިނަ މީހުން އެއްވިއެވެ.

މިހާދިސާ ހިނގާފައި ވަނީ ދެކުނު ކޮރެއާގެ އިޓޭވޮންގައި ހުންނަ ހެމިލްޓަން ހޮޓާ ކައިރީގައެވެ. މިހާދިސާ އާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ އެމަޖެންސީ މެސެޖެއްވެސް އާންމު ކޮށް އެންމެންގެ ފޯނަށް ފޮނުވާފައެވެ. އެ މެސެޖުގައި އެމަޖެންސީ އެކްސިޑެންޓެއް ދިމާވެގެން އުޅޭ ކަމަށާއި އެންމެން އެމީހެއްގެ ގެއަށް ރައްކާތެރި ކަމާއެކު ދިޔުމަށް އެދިފައި ވެއެވެ.