ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން އެއްވެސް މީހަކު ބޭނުން ކަމެއް ކުރިޔަ ދީގެން ނުވާނެ ކަމަށާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލްސް ސިޔާމް) އާ ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ނ. ވެލިދޫއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ، މި ވާހަކަ ނ. އަތޮޅުގެ އެހެން ރަށްރަށުގައި ވެސް ވިދާޅުވަމުން ގެންދަވާ ކަމަށާއި އަދި ހާއްސަކޮށް ވެލިދޫގައި މި ވަހާކަ ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އެމަނިކުފާނާއި ސަން ޓްރެވަލްސް ސިޔާމް އާ ގުޅުން ގޯހީކީ ނޫން ކަމަށާއި އަމިއްލަފުަޅު ގާތްކަން އެ ދެމެދުގައި އޮތް ނަމަވެސް ސިޔާސީ ގޮތުން މަސައްކަތް ކުރުމުގައި އެވަރުގެ ހިތްވަރެއް ނެތުމުން ސިޔާސީ ގުޅުން އެ ދެމެދުގައި ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. ސިޔާސީ ހިތްވަރެއް ޝިޔާމްގެ ނެތް ކަމަށް ގަބޫލު ކުރެއްވުނީ މިދިޔަ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ޝިޔާމަށް ނުކުމެވަޑައިގަންނަވަން ކެރިވަޑައި ނުގަތީމާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އެމްޑިއޭއަކާ އެއްވެސް ގުޅުމެއް ނެތް. އެއްވެސް ގުޅުމެއް އަޅުގަނޑުމެންނަކާ އެމްޑީއޭއަކާ ނެތް. އެ ގުޅުން ހުއްޓިއްޖެ އެ ގުޅުން ކެނޑިއްޖެ 2018 ވަނަ އަހަރު ރޔާސީ އިންތިހާބަށް މަސައްކަތް ފެށި ހިސާބުން ގުޅުމެއް ނެތް"
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން ބުނަނީ "ތިމަންނައޭ ޔާމީނާ ގާތީ އަދި ހެޔޮ އެދެނީ ތިމަންނައޭ" ވިދާޅުވެ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތައް އެއްގޮތަކަށް ވެސް ގަބޫލު ނުކުރުމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ހިތްދަތި ދުވަސްތަކެއް ބަރުދާސްތު ކުރައްބވާފައިވާ ކަަމަށާއި ނަމަވެސް އެހެން ވިދާޅުވި ބޭފުޅުން އިހްސާންތެރިކަމުގެ އަތެއް ދިއްކޮށްލާފައި ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެމަނިކުފާނު ނުހުންނަވާ ތަނެއްގައި ހުރެ އެފަދަ ވާހަކަ ދެއްކެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ މާޒީއަށް ބަލާއިރު، އެ ޕާޓީއަށް އޮތީ ޒަލްޒަލާއެއް އަރައި އެފުށް މިފުށަށް ދޮވެލާފައި ކަމަށާއި ބޮޑެތި ކަންކަން ޕާޓީ ތެރޭގައި ހިނގި އިރު ބައެއް މީހުން ޕާޓީ ދޫކޮށްލާފައި ދިޔަ ކަން ޔާމީން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބައެއް މީހުން ޕާޓީގައި ދެމި ތިބި ކަމަށާއި އެއީ އެމަނިކުފާނު ޝުކުރު ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނަކީ ވެސް ކުރިމަތިވާ ގޮންޖެހުންތައް އެހާ ފަސޭހައި ދޫކޮށްލައްވާ ބޭފުޅެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނާ އެކީ ޕީޕީއެމުން ގަބޫލުކުރާ ފަލްސަފާ ދެމެހެއްޓުމައްޓަކައި މަސައްކަތް ނުކޮށްފި ނަމަ މުޅި ދިވެހިރާއްޖެ ދާނީ އެމްޑީޕީގެ އަތް މައްޗަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ހިތްދަތިކަމެއް އަންނަ ކޮންމެ ފަހަރަކު އޮޑިން ފުންމާލައިގެންދާ މީހަކީ އެއީ ފުރަތަމަ އޮޑީގައި ހުރި އިރު ވެސް އޮޑީގައި ހިމެނޭ އެހެން އިހްލާސްތެރި ފަޅުވެރިން ފަދައިން އިހްލާސްތެރި ފަޅުވެރިއެއް ނޫން. އަޅުގަނޑުމެން އެ ހިތްދަތިކަން ބަރުދަސްތު ކޮށްފިން. މިހާރުވެސް މި ކުރަނީ."
ކުރީގެ ރައީސް އަބްދުﷲ ޔާމީން

މިއަދުވެސް އެމްޑީޕީގެ ކުރިމަތީގައި އެހެން ޕާޓީއަކަށް ވާދަކޮށްލުމުގެ ހިތްވަރެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެން ޕާޓީތަކަށް ރައްޔިތުންގެ ތާއީދު ވެސް ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގައުމުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތާއި ދީނުގެ ޝިއާރު މަތިވެރި ކުރުމަށް ކުރާ މަސައްކަތާއި އިސްލާމް ދީނަށް އޮންނަ ލޯބި އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ޕީޕީއެމް ފިޔަވައި ވަރުގަދައަށް މަސައްކަތް ކުރާ އެއްވެސް ޕާޓީއެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެމްޑީޕީ ކުރިމަތީގައި ދިވެހިން ގަބޫލު ކުރާ އަގީދާ ބަލިކަށިނުވާނެ ކަން ހަމައެކަނި ދައްކުވައިދޭ ޕާޓީއަކީ ޕީޕީއެމް ކަމަށް ޔާމީން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ހަމައަށް ދާ އިރު، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އެމްޑީޕީގެ ކެންޑިޑޭޓް ބަލި ކުރެވޭނެ ގޮތާއި އެންމެ ޕާޓީއަށް މަސްލަހަތު އޮތް ގޮތަކީ އެހެން ޕާޓީއަކާ އެކު އިއްތިހާދުވެ ކޯލިޝަން ހަދައިގެން ކަމުގައި ވާނަމަ ޕީޕީއެމުން ކޯލިޝަން ހަދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތަށް ކޯލިޝަން ހަދާނަމަ އެމްޑީއޭގެ ޝައުގުވެރިކަން ހުރިއްޔާ އެކަން ކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ޕާޓީ މިއޮތީ ޒަލްޒަލާއެއް އަރާ އެއްފުށް އަނެއް ފުށަށް ދޮވެލާފަ. ޕާޓީ ތެރޭގައި ސުނާމީއެއް އައި. ޕާޓީ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިގެން އައި ނަމަވެސް ޕާޓީ ދަމަހައްޓަން ދެމި ތިބި ބަޔަކު ތިބި"
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވެރިކަން ކާމިޔާބުވުމަށް ކޯލިޝަން ހެދި ނަމަވެސް ވެރިކަން ކާމިޔާބު ވެއްޖެ ނަމަ އެއްވެސް މަޖިލިސް މެންބަރު ގޮނޑިއެއް އިތުރު ޕާޓީއަކަށް ދިނުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. އިއްތިހާދެއްގެ ތެރެއިން މަސައްކަތް ކުރި ކަމުގައި ވިޔަސް އެގޮތަށް ކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެގޮތަށް މެންބަރު ކަން އެހެން ޕާޓީއަކަށް ދީފި ނަމަ ދެން އުފުލަން ޖެހޭނީ ބަދުނާމުތަކެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ދާއިރާތަކުގައި ތިބެނީ ޕީޕީއެމްގެ މެންބަރެއް ކަމަށް ވާނަމަ އެ ދާއިރާއެއްގެ ރައްޔިތުންގެ ޝަކުވާތައް ޕީޕީއެމްއާ ހަމައަށް އަންނާނެ ކަމަށާއި ނަމަވެސް އެހެން ޕާޓިއެއްގެ މެންބަރެއް ހުރެއްޖެ ނަމަ އެ ޝަކުވާ ޕީޕީއެމްއާ ހަމައަށް ނުލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރަކަށް ޕީޕީއެމްގެ މެންބަރެއް ހޮވުމަކީ އެ ދާއިރާގެ ޝަކުވާތައް އެމަނިކުފާނާ ހަމައަށް އަންނާނެ ކަމަކަށް ވާތީ ޕީޕީއެމް މެންބަރެއް އެ ދާއިރާއަށް ހޮވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.