އަހަރު ނިމުމުގެ ކުރިން، އެމެރިކާއާއި، މަލަބާރު، ޖަޕާން އަދި އޮސްޓްރޭލިއާގެ އިތުރުން އޭޝިއާގެ 3 ގައުމު ހިމެނޭ އަސްކަރީ ވަރުގަދަ ތަމްރީނެއް، ޗައިނާ ބޯޑަރުގައި ބާއްވަން އިންޑިއާއިން ތައްޔާރު ވަމުން އެބަދެއެވެ.

މި ތަމްތީނުތަކުގައި އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރުތަކާއި، ސަބްމެރީން އާއި ފައިޓާ ޖެޓްތަކާއި، މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ބޭނުން ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ. މި އުޅަނދުތަކުގެ އެހީގައި އެއްގަމާއި ވަޔާއި ކަނޑުގެ ބާރު ދައްކާލާނެކަމަށް ހަބަރުތައް ބުނެއެވެ.

އަންނަ ނޮވެމްބަރު މަހުގެ 8 އިން 18 އަށް ބޭއްވުމަށް މިހާރު ތާވަލު ކޮށްފައިވާ މި ތަމްރީނުތަކަށް ޖަޕާނާއި އޮސްޓްރޭލިއާ އަދި އެމެރިކާގެ ބައިވެރިން އަންނާނީ ޖަޕާން ސަރަހައްދުގައި މިހާރު ކުރިއަށް ދާ އަސްކަރީ ހަރަކާތަށް ފަހުއެވެ.

އިންޑިއާއަކީ، އެމެރިކާއާއި އޮސްޓްރޭލިއާ އަދި ޖަޕާން ހިމެނޭހެން އެކުލަވާލާފައިވާ ޖަމާއަތް "ކްއަޑް" ގެ މެންބަރަކަށް ވާއިރު، އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ހަރަކާތްތައް ބަލާ، ފާރަވެރިވުމާއި ޗައިނާގެ ބާރު އިތުރު ކުރިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ ކްއަޑުގެ އެއް އަމާޒެވެ.

ދުނިޔޭގެ އާބާދީގެ 65 ޕަސެންޓް މީހުން ދިރިއުޅެނީ އިންޑޯ ޕެސިފިކް ސަރަހައްދުގައެވެ. ދުނިޔޭގެ ޖީޑީޕީގެ 63 ޕަސެންޓް ހިއްސާ ކުރަނީވެސް މި ސަރަހައްދެވެ. އަދި ކަނޑުމަގުން އެއް ގައުމު އަނެއް ގައުމަށް، އެއް ބައްރު އަނެއް ބައްރަށް ކުރާ ދަތުރުތަކުގެ 60 ޕަސެންޓް ހިނގަނީ އިންޑޯ ޕެސިފިކްގެ ތެރެއިންނެވެ.

ޗައިނާ އަކީ އަސްކަރީ ގޮތުންނާއި އިގްތިސޯދީ ގޮތުން ބާރަކަށް ވާއިރު ދާދިފަހުން އެކުލަވާލި އެމެރިކާގެ އާ ނެޝަނަލް ސެކިޔުރިޓީ ސްޓެރެޓެޖީ ބުނާ ގޮތުން ޗައިނާއަކީ، އެމެރިކާއާ އެމޭރުމުން ވާދަކުރާ ހަމައެކަނި ގައުމެވެ. އެ ސްޓެރެޓަޖީގައި ބުނާ ގޮތުން އިންޑިއާ އަކީ އެންމެ ބޮޑު ޑިމޮކްރަސީއަށް ވުމުގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު އެއް ޑިފެންސް ޕާޓުނަރެވެ. އެހެން ކަމުން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދެގައުމު ގުޅިގެން ކުރާ މަސައްކަތްތައްް އިތުރަށް ހަރުދަނާ ކޮށް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ކްއަޑްގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައި އޮންނަ "އައުކަސް" އިންވެސް އިންޑޯ ޕެސިފިކަށް ދަނީ ފާރަވެރިވަމުންނެވެ. އެ ގޮތުން އެ ޖަމާއަތް މެދުވެރިކޮށް އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީން ހޯދައިދިނުމަށް ކުރާ މަސައްކަތަކީވެސް އިންޑޯ ޕެސިފިކުގައި ޗައިނާގެ ބާރު ކަނޑުވާލުމަށް މުހިންމު ކަމެއް ކަމަށް ހަބަރުތައް ބުނެއެވެ.

އިންޑިއާއިން ޗައިނާއާ ގުޅޭ ލައިން އޮފް ކޮންޓްރޯލްގައި މާ ސިންގާ އަސްކަރީ ހަރަކާތަކަށް ތައްޔާރު ވާއިރު، އިންޑިއާގެ ސިފައިން ގެންދަނީ އެމެރިކާގެ ސިފައިންނާ ގުޅިގެން އެއްގަމުގައި ވެސް ތަންރީުތަކެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. ހަބަރުތަކުން ބުނާ ގޮތުން، އެއްގަމުގައި ބާއްވާ މި ތަމްރީނުތައް އޮންނާނީ ލައިން އޮފް ކޮންޓްރޯލާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުުރުގައި އުއްތަރަކާންދުގައި ނޮވެމްބަރު 15 އިން ޑިސެމްބަރު 2 އަށެވެ.

މި އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ޗައިނާ ސިހޭނެ ކަމަށް މުރާސިލުން ބުނާ އިރު، ލައިން އޮފް ކޮންޓްރޯލްގައި ކުރިއަށް ގެންދާ މިތަމްރީނު ތަކަކީ، މިހާ ގިނަ ގައުމުތަކެއް ގުޅިގެން އަސްކަރީ ދާއިރާގެ ހުރިހާ އާލާތެއް ބޭނުން ކޮށްގެން މި ސަރަހައްދުގައި ބާއްވާ މިބާވަތުގެ އެންމެ ބޮޑު ތަމްރީނެވެ. ލައިން އޮފް ކޮންޓްރޯލް އަކީ، އިންޑިއާ އާއި ޗައިނާ އާ، އަދި އިންޑިއާ އާއި ޕާކިސްތާނާ އިން ވަކި ކުރާ ރޮނގެއެވެ.