ޖަޕާން ކައިރިން ޗައިނާގެ އިރުމަތީ ކަނޑުގައި ރަޝިއާ އާ ގުޅިގެން އަސްކަރީ ފަރިތަކުރުން ތަކެއް ކުރިއަށް ގެންދަން ޗައިނާއިން ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

އަސްލު ވަޒަނާއި ހަތިޔާރު ބޭނުން ކޮށްގެން ކުރިއަށް ގެންދާ މި ފަރިތަކުރުންތައް އޮންނާނީ މާދަމާަ ކަމަށްވެސް ރަޝިއާގެ އޮފިޝަލުން ވަނީ ހާމަކުރައްވާފައެވެ.

ރަޝިއާއިން ބުނީ، ދެގައުމު ގުޅިގެން ހިންގާ މި ފަރިތަކުރުން ތަކުގައި އެއްގަމާއި ކަނޑުގެ އަމާޒުތަކަށް މިސައިލާއި ބަޑިން ހަމަލާ ދިނުން ހިމެނޭ ކަމަށާއި ކަނޑުގެ ބާރުގެ ތެރޭގައި ހިމެނޭ އަސްކަރީ ސަބްމެރީންތަކާ ކުރިމަތިލާނެ ގޮތްވެސް ފަތިރަކުރާނެ ކަމަށެވެ.

މި ފަރިތަކުރުން ތަކުގައި ރަޝިއާއިން ބޭނުން ކުރަނީ ރަޝިއާގެ ޕެސިފިކް ފްލީޓުގައި ހިމެނޭ މިސައިލް ކްރޫސާ ވެރީއަގް އެވެ. ޗައިނާއިން 2 ޑިސްޓްރޯޔާ އަކާއި ޕެޓްރޯލް ކުރާ 2 މަނަވަރާއި، ޑީސަލް ސަބްމެރީނެއްގެ އިތުރުން ތަފާތު ބޭނުންތަކުގައި ބޭނުން ކުރާ ބޯޓު ފަހަރު ބައިވެރި ކުރާނެއެވެ.

މީގެ އިތުރުން ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ވެސް ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނާ އިރު، މި އެކްސަސައިޒް ނުވަތަ ފަރިތަކުރުމަކީ އޭސިއާ ޕެސިފިކް ކަނޑުގައި ސުލްހަ މަސަލަސްކަން ގާއިއުކޮށް ދެމެހެެއްޓުމުގައި ދެގައުމުން އިތުރު ހުނަރުތައް ލިބިގަތުމަށް ބާއްވާ ފަރިތަކުރުން ތަކެއް ކަމަށްވެސް ބުނެއެވެ.

ރަޝިއާ އާ ގުޅިގެން ޗައިނާއިން އަސްކަރީ ފަރިތަކުރުން ތަކެއް ކުރިއަށް ގެންދަން ތާވަލުކޮށްފައި ވާއިރު އިންޑޯ ޕެސިފިކް ކަނޑުގާއި އޭޝިއާ ބައްރުގައި ޗައިނާގެ ބާރު ގަދަވެގެން ދިޔަ ނުދިނުމަށް އެމެރިކާ އިސްވެ ޖަޕާނާއި، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ، އިންޑިއާ އަދި އިންޑޮނީޝިއާ ފަދަ ގައުމުތައް ބައިވެރިކޮށްގެން ގާތްގާތުގައި އަސްކަރީ ފަރިތަކުރުންތައް ބާއްވައެވެ. އަދި އެ ސަރަހައްދުތަކުގައި ޗައިނާގެ ބާރު ގަދަވާތީ އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށް އެކަން އެހެން ވިޔަ ނުދޭނެ ކަމަށްވެސް ދާދި ފަހުން ބުނެފައި ވެއެވެ.

މާދަމާ ފަށާ މި ފަރިތަކުރުން ތަކާ ގުލޭ ގޮތުން އެމެރިކާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.