ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އަމިއްލަ ކޮށްގެން އުޅޭ 'ސެކަންޑް ތޯމަސް ޝޯލް' ގެ ރަށްތަކުގެ ތެރެއަށް އެމެރިކާގެ އަސްކަރީ މަނަވަރެއް ވަދެއްޖެއެވެ.
ޖަޒީރާ ރަށްތަކެއް ހިމެނޭ ބޮޑު އަތޮޅެއްގެ ގޮތަށް އޮންނަ ސެކަންޑް ތޯމަސް އަކީ، ފިލިޕީންސްގެ އީއީޒެޑްގައި އޮންނަ ރަށްރަކެކެވެ. އެކަން އެގޮތަށް ކަނޑައަޅާ 2016 ވަނަ އަހަރު އދ އިން ނިންމާފައި ވީ ނަމަވެސް ޗައިނާއިން ބުނަނީ އެއީ އެމީހުންގެ އަމިއްލަ ސަރަހައްދެއް ކަމަށާއި އެތަނަށް ފިލިޕީންސުންވެސް އަދި އެހެން ބަޔަކަށް ވެސް ވައިނޭޅެވޭނެ ކަމަށެވެ.
އެ އަތޮޅުތަކަކީ، ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކަށް މުދާ އުފުލާ ބޯޓު ފަހަރު ގިނައިން ދަތުރު ކުރާ ސަރަހައްދަކަށް ވާއިރު ހިސާބުތަކުން ދައްކާ ގޮތުން ކޮންމެ އަހަރަކު އެތައް ޓްރިލިއަން ޑޮލަރެއްގެ މުއާމަލާތް ހިންގައެވެ.
އެއަތޮޅުގެ ރަށްތައް ތަރައްގީ ކޮށް ޗައިނާއިން އެކިއެކި މަރުކަޒުތައް ހަދާ، އެއާޕޯޓާއި އެނޫންވެސް ފެސިލިޓީތައް ހަދަމުން އަންނަ އިރު، އެމެރިކާ އަކީ، އެ މައްސަލައިގެ ތެރެއަށް ވަދެ ޗައިނާ އަށް ބިރުދައްކާ ހަމައެކަނި ގައުމެވެ. ދޭތެރެ ދޭތެރެއިން އެމެރިކާގެ މަނަވަރެއް އެސަރަހައްދާ ކައިރިން ދަތުރު ކުރެއެވެ. ޖާސޫސީ ޑްރޯންތައް ވެސް އުދުއްސައެވެ. އަދި އަސްކަރީ މަތިންދާބޯޓުގެ ހަރަކާތްތައް ވެސް އެ ސަަހައްދުގައި ހިންގައެވެ. މިއީ ޗައިނާއިން އެމެރިކާ ދެކެ ރުޅި އަންނަ އެއް ސަބަބަށް ވާއިރު، އެ އަތޮޅުގެ ރަށްތަކުގެ ތެރެއަށް އަސްކަރީ މަނަވަރެއް ވަން މައްސަލަ މި ފެންމަތިވީ، ދާދި އިހަށް ދުވަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިން އެމެރިކާއަށް ވަޑައިގެން ދެގައުމުގެ ގުޅުން ފިނިކުރަން މަސައްކަތް ކުރައްވާފައި ވަނިކޮށެވެ.
ޗައިނާގެ އިދާރާތަކުން ބުނީ، އެމެރިކާ މަނަވަރު ވަނީ އެ އަތޮޅުގެ ރެނައި ރީފް ކައިރިއަށް ކައިރި ކޮށްފައި ކަމަށާއި އެއީ ސީދާ ޖެއްސުން ކުރުމެއް ކަމަށެވެ. އަދި އެ އަމަލުގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ކަމަށާއި ޗައިނާގެ އިސްތިގުލާލަށް ނުރައްކާވާ ކަމަށެވެ.
މި މައްސަލައިގައި އެމެރިކާއިން ބުނެފައި ވަނީ ޔޫއެސްއެސް ގެބްރިއެލް ގިފޯޑްސް ހަރަކާތްތެރިވަމުން ދިޔައީ ބައިނަލްއަގުވާމީ ގޮތުން ކަނޑައަލާފައި އޮތް ކަނޑުގެ ސަރަހައްދު [އެއްވެސް ގައުމެއްގެ އިހުތިސޯސް ނޯންނަ ކަނޑުގެ ސަރަހައްދު] ގައި ކަމަށާއި އެއީ ބައިނަލއަގުވާމީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އެމެރިކާއިން ގަވައިދުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށެވެ.
އިތުރަށް ބުނެފައި ވަނީ އެ ހަރަކާތްތަކުގެ ބޭނުމަކީ އިންޑޯ ޕެސިފިކް ސަރަހައްދު މިނިވަންކަމާއެކު ބޭއްވުން ކަމަށާއި އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ، ފިލިޕީންސް ފަދަ ގައުމުތަކުގެ ކަންބޮޑުވުމަކީ އިންޑޯ ޕެސިފިކްގެ ކޮންޓްރޯލް ޗައިނާގެ އަތްދަށަށް ގެންދަން މަސައްކަތް ކުރުމެވެ. އެކަން ވިޔަ ނުދޭން އެމެރިކާ އިސްވެ އެތައް ޖަމާއަތްތަތކެއް އުފައްދާ އަސްކަރީ ގޮތުން އިންޑޯ ޕެސިފިކްގެ ގައުމުތަކަށް އެހީވުމުގެ އިތުރުން އެމެރިކާގެ ބޭސްތައް ގާއިމުކޮށް ގަވައިދުން އަސްކަރީ ހަރަކާތްތައް އެސަރަހައްދުގައި ކުރިއަށް ގެންދެއެވެ.