ދުނިޔޭގެ ކަނޑުގެ ސަތަހައިގެ 19.8 ޕަސެންޓް ނުވަތަ 70560000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހަދަކަށް ފެތުރިފައިވާ އިންޑިއާ ކަނޑަކީ، ދުނިޔެ ބައިކޮށްފައި ވާ ކަނޑުތަކުގެ ލިސްޓުގައި 3 ވަނަ އަށް އެންމެ ބޮޑު ކަނޑެވެ. އުތުރު ބިތުން އޭޝިއާ، ހުޅަނގު ބޮތުން އެފްރިކާ އަދި އިރުމަތީ ބިތުން އޮސްޓްރޭލިއާއާ ގުޅިފައިވާ މި ކަނޑަކީ، އިގުތިސޯދީ، މަދަނީ އަދި އަސްކަރީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ޗާޓުގައިވެސް ރަނުގެ މުތެއް ފަދަ މުހިންމު ކަނޑެކެވެ. މުޅި ދުނިޔޭގެ ނުފޫޒު ބޭނުންވާ ބަޔަކަށް، އިންޑިއާ ކަނޑުގެ ކޮންޓްރޯލް ލިބުން ލާޒިމެވެ.

އިންޑިއަން އޯޝަން ނުވަތަ އިންޑިއާ ކަނޑުގެ ސަރަހައްދުގައި މިވަގުތު އޮތް އެންމެ ނުފޫޒުގަދަ އަސްކަރީ ބާރަކީ، އިންޑިއާ ކަމާ މެދު ދެބަސްވެވެން އޮތް ފުރުސަތު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ހަނިވަމުންނެވެ. އިންޑިއާ ކަނޑުގެ ސަރަހައްދަށް އަސްކަރީ ނުފޫޒު ފޯރުވުމުގައި އެއްކޮޅުގައި ޗައިނާ އޮތްއިރު، އަނެއް ކޮޅުން ކޮންޓްރޯލް ކަށަވަރު ކުރުމަށް މަސައްކަތް ކުރަނީ، އިންޑިއާ ކުރީގައި އޮތް ވަރުގަދަ އިއްތިހާދަކުން ކަމުގައިވެސް ސިފަކުރެވިދާނެއެވެ.

އިންޑިއާގެ ކަނޑުގެ އަސްކަރީ މަނަވަރު އަރުމާދެއް / ފޮޓޯ: ޑީއެންއޭ އިންޑިއާ

ކަން މިހެން އޮތް އިރު، އިންޑިއާ ކަނޑުގެ މުހިންމު "ޗޯކްޕޮއިންޓް" ތަކެއްގެ ކޮންޓްރޯލް އޮތީވެސް އިންޑިއާއަށް ކަމުގައި ގަބޫލު ކުރަން ޖެހެއެވެ. ޗޯކްޕޮއިންޓްއަކީ، ޖިއޮގްރަފީ ގޮތުން ބިމެއްގައި ނަމަ ވާދީއެއް ނުވަތަ ބުރިޖެކެވެ. ކަނޑުގައި ނަމަ، ކަނޑުއޮޅިއެކެވެ. ޗޯކްޕޮއިންޓްއަކަށް ވަނީ، އެ ސަރަހައްދަކުން އަސްކަރީ ބާރުތައް ދަތުރު ކުރުމަށް އިންތިހާ އަށް ފުރުސަތު ހަނިކޮށްފައި އޮތުމުންނެވެ. ނަތީޖާއެއްގެ ގޮތުން، ހަނި ސަރަހައްދު ކަޑަތު ކުރަންޖެހޭ އަސްކަރީ ބާރުގެ، ބާރުވެރިކަން ހަނި ކުރުވުމަކީ، މި ފަދަ ޗޯކްޕޮއިންޓްތަކުގެ ހަގީގީ މަގުސަދެވެ. އެ ސަރަހައްދެއްގެ އިސްތިރާޖީ ބާރުވެރިކަން ގަދަވާ ވަރަކަށް، ޗޯކްޕޮއިންޓްތައް ކޮންޓްރޯލް ކުރާ ބައެއްގެ ބާރު ގަދަވެއެވެ.

އަދުގެ ހާލަތަށް ބަލާއިރު އިންޑިއާ ކަނޑުގެ މުހިންމު ޗޯކްޕޮއިންޓްތަކެއްގެ ކޮންޓްރޯލް ނަގާފައި ވަނީ އިންޑިއާއިންނެވެ. ވަކިން ހާއްސަކޮށް، އިންޑިއާ ކަނޑާ، ހުޅަނގެ ޕެސިފިކް ކަނޑު ގުޅާލަދޭ މަލަކާ ސްޓްރެއިޓް ނުވަތަ މަލަކާ ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ކޮންޓްރޯލް ވެސް އޮތީ އިންޑިއާގެ މުށުތެރޭގައި ކަން ފާހަގަ ކުރަންޖެހެއެވެ. މިއީ އިންޑިއާގެ ޒަމާންވީ ހަތުރުވެރިޔާ – ޗައިނާ، އެ ދާއިރާއަކުން އެންމެ ކުރިއަރާ ގޮސްފައިވާ ވިޔަފާރިއާއި ހަކަތައިގެ ދަތުރުފަތުރުގެ ނިޒާމަށް އިންތިހާއަށް މުހިންމު ރާސްތާއެކެވެ.

ސްޓްރެއިޓް އޮފް މަލަކާ ސަރަހައްދު / ފޮޓޯ: ޖަކާޓާ ޕޯސްޓް

1971 ވަނަ އަހަރުގެ ހަނގުރާމައިގެ ތެރޭގައި، އިންޑިއާއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ހުރަސްތަކެއް ކަނޑުގެ ސަރަހައްދު ބޭނުން ކުރުމުގައި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. ނަމަވެސް، ޗައިނާގެ ސަރުކާރާ ދެކޮޅަށް އިންޑިއާއިން އަދި މިފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ގަލްވާން ވާދީގެ ކުރިމަތިލުންތަކަށްފަހު އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާ އެލާޓަށް ލުން ފިޔަވާ އިތުރު ފިޔަވަޅެއް ނާޅައެވެ.

ނަމަވެސް، ކަނޑުދަތުރަށް ހުރަސް އެޅޭ ފަދަ ފިޔަވަޅުތަކެއް އެޅުމުގެ ފިކުރެއް ނެތް ކަމަކަށްވެސް އިންޑިއާއަކުން ނުބުނެއެވެ.

މިއަހަރުގެ ޖޫން މަހަށް ޖެހިލާއިރު، އެމެރިކާ އަސްކަރިއްޔާގެ މަނަވަރު ޔޫއެސްއެސް ތިއެޑޯ ރޫޒަވެލްޓް، މަލަކާ ކަނޑުއޮޅީގައި އޮތް ކަމުގެ ރިޕޯޓްތައް ފެންމަތިވިއެވެ. އެއީ، އެމެރިކާ އޮތީ އިންޑީއާއާ އެކުގައި ކަން އެންގުމުގެ ރަމްޒެއްގެ ގޮތުން ކުރި ކަމެއްކަމަށް ބުނެވެއެވެ. ހަމަ އެ މަސް ތެރޭ، ޗައިނާއިންވެސް މިފަދަ އަޑުތަކެއް ފަތުރަން ފެށިއެވެ. އެއީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި، ޗައިނާއިން އަސްކަރީ ތަމްރީނުތަކެއް ހިންގާ ކަމުގެ އަޑުތަކެވެ.

އެމްއެންޑީއެފްއާ އެކު ހިންގާ މެރިޓައިމް ޕެޓްރޯލަށް އައި އިންޑިއާގެ މަނަވަރު / ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާއަށް މާ ބޮޑު ބާރެއް ނެތް ކަން އެ ގައުމުން ގަބޫލު ކުރެއެވެ. މަލަކާގެ މައްސަލަވެސް ޗައިނާގެ ސަރުކާރަށް އެނގެއެވެ. މަލަކާ ކަނޑުއޮޅީގެ ހަރަކާތްތައް މޮނިޓާ ކުރުމުގައި ނުފޫޒު އޮތީ އިންޑިއާއަށެވެ. ލޮމްބޮކްއާއި ސުންޑާ ކަނޑުއޮޅީގެ ހާލަކީވެސް ހަމަ މިއީއެވެ. މި ސަރަހައްދުތަކުން ދަތުރުކުރާ ވިޔަފާރި ނާ ފަހަރަށް ނުފޫޒު ފޯރުވުމުގެ ފުރިހަމަ ބާރު، އިންޑިއާއަށް އޮވެއެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ބަލާއިރު، ޗައިނާއަށް މި ކޮންޓްރޯލްއެއް ނެތެވެ. އެ ސަރަހައްދުގެ މިލްކުވެރިކަމުގެ ހަނގުރާމަ، ޗައިނާއިން ކުރަނީ 6 ގައުމަކާ ދެކޮޅަށެވެ. ޗައިނާއަށް އިމްޕޯޓް ކުރާ ތެލުގެ ޝިޕްމަންޓްގެ 80 ޕަސެންޓް ދަތުރު ކުރަނީ މަލަކާ ކަނޑުއޮޅި ހުރަސްކޮށެވެ. ޗައިނާގެ ވިޔަފާރި އުފެއްދުންތަކުގެ މުހިންމު ހިއްސާވެސް ދަތުރު ކުރަނީ މިރާސްތާއިންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އައި މަނަވަރު ރާއްޖޭގައި ބަނދަރުކޮށްފައި / ފޮޓޯ: އިންޑިއާ އިން މޯލްޑިވްސް

އަހަރުގެ މިހާ ހިސާބަށް އާދެވުނުއިރު، އިންޑިއާއިން ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އިތުރު ނުފޫޒެއް ގަދަ ކޮށްފައެވެ. ކުއަޑްގެ ނަމުގައި 4 ގައުމެއް އެކުވެގެން އިންޑިއާއިން ދަނީ އަސްކަރީ ތަމްރީނުތައް ވަރުގަދަ ކުރަމުންނެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަސްކަރީ ބާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާގެ އަސްކަރީ ފްލީޓުވެސް ބައިވެރިކޮށްގެންނެވެ. ދޭދޭ ގައުމުގެމެދުގައި ސެޓެލައިޓް މައުލޫމާތު ހިއްސާ ކުރުމަށް އެމެރިކާއާއި އިންޑިއާއާ ދެމެދު އެއްބަސްވުން އެކުލަވާލިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އިންޑިއާއިން މިހުރިހާ ކަމެއް ކުރުމުގެ ފަހަތުގައި މަގުސަދެއް ނެތީ ނޫންކަން، ނުހަނު ސާފު ނޫންހެއްޔެވެ!

އެޑިޓް ކުރީ: އަލީ ޝަމްޢާން