ހެދުން އެޅި ގޮތުގެ ސަބަބުން ފުލުހުން ހައްޔަރު ކުރި މާޝާ އަމީނީ 22 އަހަރުގެ މަރާ ގުޅިގެން އީރާނުގައި މުޒާހަރާ ކުރަމުން ދަނިކޮށް މިދިޔަ މަހު މަރުވި 16 އަހަރުގެ ނިކާ ޝަކަރާމީގެ މަރާ ގުޅިގެން ވެސް މަޝްހަރު ހޫނުވެ ފުލުހުން ބާރުގެ ބޭނުން ކޮށްފިއެވެ.

އުމުރުން 16 އަހަރުގެ ނިކާ ޝަކަރާމީ، ވީނުވީއެއް ނޭނގި ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު އޭނާ ހޯދަމުން ދަނިކޮށް ފެނުނީ އޭގެ 10 ދުވަސް ފަހުން މޯޗަރީއެއްގައި އޮއްވައެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އުސް އިމާރާތެއްގެ މަތިން ފުންމާލައި ޝަކަރާމީ އަމިއްލަ އަށް މަރުވީ ކަމަށެވެ. ނަމަވެސް އޭނާގެ އާއިލާއިން އެވާހަކަތައް ގަބޫލު ނުކޮށް، ފުލުހުން އޭނާ މަރާލީ ކަމަށް ބުނަން ފެށުމުން، ޝަކަރާމީ އަމިއްލައަށް މަރުވިކަން ދައްކަން ސުއިސައިޑް ނޯޓެއް ވެސް އާންމު ކުރިއެވެ.

ނަމަވެސް މި މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައިސް، ނިއުޅެމުން ދިޔަ ވަރަކަށް ކަން ހިނގާ ދިޔަގޮތް ސާފުވަމުން ދިޔައެވެ. އެގޮތުން ސީއެންއެންގެ ޓީމުން ހެދި އިންވެސްޓިގޭޝަން އަށް ފަހު، މާޝާ އަމީނީގެ މަރާ އެކު ކުރިއަށް ދިޔަ މުޒާހަރާތަކުގެ ތެރެއިން ޝަކަރާމީގެ ރަށުގައި އޮތް މުޒާހަރާގެ ކުރީ ސަފަށް ނުކުމެ ފުލުހުންނާ ދިމާއަށް އޭނާ ގާއުކާ މަންޒަރު ފެންނަ ވީޑިއޯއަކާއި، ފުލުހުން އޭނާ ފަހާ ދުވާތީ، ދެ ކާރު ދޭތެރެއިން ފިލަން މަގުމަތިން ދާ ތަން ފެންނަ ވީޑިއޯ އަކާއި އޭނާ ހައްޔަރު ކޮށްގެން ގެންދާ ވީޑިއޯއެއް ވަނީ އާންމު ކޮށްފައެވެ.

ނިކާ ޝަރުމާއަށް ތާއީދުކޮށް ބޭއްވި އަޑުއުފުލުމެއްގެ ތެރެއިން

ސީއެންއެންގެ މި އިންވެސްޓިގޭޝަނާ އެކު މަސްރަހު އިތުރަށް ހޫނުވެގެން ދިޔައީ ޝަކަރާމީގެ މަރު ފާހަގަ ކުރުމަށް އޭނާ ވަޅުލާފައި އޮތް ކޮއްރަމަބާދުގެ ގަބުރުސްތާނަކަށް އާންމުން އެއްވުމުންނެވެ. ޝަކަރާމީ ނިސްބަތްވާ ރަށުގައި އިއްޔެވެސް މުޒާހަރާ ކޮށްފައި ވާއިރު މިއަދުގެ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވާ ކަމަށް ބީބީސީ ރިޕޯޓު ކުރެއެވެ.

އީރާނުގައި އަންހެނުން ބޯ ނިވާ ނުވާ ގޮތަށާއި ގަޔަށް ބާރު ހެދުން އެޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. ބޮޑު އަދަބުތައް ލިބި ކުށްވެރިވާ ކަމަކަށް ވާއިރު އެފަދަ އަންހެންވެރިން ހުއްޓުވާ ނަސޭހަތް ދީ، މަގުމަތިން އަނިޔާ ކޮށް ހަދާ އިރު، އެކަންކަން ބަލަން ފުލުހުންގެ ހާއްސަ ޓީމެއްވެސް އެކުލަވާލައިފާ އޮވެއެވެ.

މާޝާ އަމީނީ މަރުވި ހިސާބުން މުޅި އީރާނަށް މުޒާހަރާތައް ފެތުރިގެން ދިޔުމުގެ އިތުރުން ދުނިޔޭގެ 150 ސިޓީއެއްގައި މުޒާހަރާ ކޮށްފައި ވެއެވެ. އެ މުޒާހަރާތަކުގައި އީރާނުގެ ޑިކްޓޭޓާޝިޕް ނިމުމަކަށް ގެނައުމަށް ގޮވާލައި އަންހެނުންނަށް މިނިވަންކަން ދިނުމަށް ގޮވާލައި އަޑުއުފުލާފައި ވެއެވެ. އަދި އެފަދަ ބައެއް މުޒާހަރާތަކުގައި ބައެއް އަންހެންވެރިން ބުރުގާ ނަގާ ބޯމަތީގައި ހޫރާ، ފާޅުގައި އެ ގާނޫނަށް ގޮންޖަހާފައި ވެއެވެ.