ވިލާތުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށާއި ރާއްޖޭން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކުން ޑިއުޓީ މައާފްކޮށްދިނުމަށް، ވިލާތުގެ އިއްތިހާދުގައި ސަރުކާރުން އެދިއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެކި ދާއިރާތަކުން ވިލާތުގެ އިއްތިހާދާ އެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ސަލާމަތީ ދާއިރާގެ އިތުރުން، އިގްތިސޯދީ ގުޅުމާއި، ގަވައިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ވެސް އިތުރަށް ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރެވުނެވެ.

އޭގެ އިތުރުން، ރާއްޖޭން ވިލާތުގެ ގައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށާއި، ވިލާތުގެ ގައުމުތަކަށް ދަތުރުކުރަން ދޫކުރާ އޮން އެރައިވަލް ވިސާ ދިނުމަށް އެދިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ވިލާތުގެ ގައުމުތަކަށް ދަތުރުކުރަން ދޫކުރާ އޮން އެރައިވަލް ވިސާ ދިވެހިންނަކަށް ނުލިބެއެވެ. އަދި ރާއްޖޭން ވިލާތުގެ ގައުމުތަކަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް ތަކުރާރުކޮށް އެދެމުން ދެއެވެ.

ރާއްޖޭން އާންމު ގޮތެއްގައި ބޭރުކުރާ ބާވަތަކީ ކަނޑުމަހުގެ ބާވަތްތަކެވެ. ރާއްޖޭން އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް ބޭރުކުރާ ތައިލެންޑަށް ފަހު، ދެން އެންމެ ގިނައިން ބޭރުކުރަނީ ވިލާތުގެ ގައުމުތަކަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.