ޖީލެއް ހަލާކުވެ ނިމިއްޖެއެވެ. އެތަކެއް އާއިލާތަކެއް ރޫޅި މައުސޫމު ޅަދަރިންތަކެއް ބިކަވެއްޖެއެވެ. މައިންބަފައިންގެ ލޮލުން ކަރުނަ ހިކޭ ވަގުތެއް ނާދެއެވެ. ހަދާނެ ގޮތް ހުސްވެފައިވާ އެތަކެއް އަނބިންނެއް އެބަތިއްބެވެ. ލޮލުގެ ކޮއެ ފަދަ ދަރިފުޅަށް ތެދުމަގު ދައްކަވާތޯ ދުއާ ކޮށްލަ ކޮށްލާ ތިބި އެތަކެއް މައިންބަފައިންނެއް ވެސް އެބަތިއްބެވެ. ކޮން ކަމަކާތޯއެވެ.
މި ކުޑަ ދިވެހިރާއްޖެ އަށް ވެސް ޖެހިފައިވާ އެންމެ ބޮޑު ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއިންނެވެ. ދިވެހިރާއްޖޭގައި މިވަނީ ބަޔަކު ކަން ބޮޑުވަންޏާ ބޮޑުވާންޖެހޭ އެންމެ މަތީ މިންވަރަށް މިނުރައްކާތެރި ވަބާ ފެތުރިފައެވެ. ކުޑަކުދިން، ޒުވާން އަންހެނުން، ފިރިހެނުން، މުސްކުޅިންނެވެ. މީގެ އަވައިގައި ހުރިހާ އުމުރު ފުރައެއް މިވަނީ ޖެހިފައެވެ.
މަސްތުވާތަކެއްޗަކީ އޭގެ ސަބަބުން ލިބޭ ސިއްހީ ގެއްލުމުގެ އިތުރަށް އެތަކެއް އިޖުތިމާއީ މައްސަލަތަކެއް ވެސް ނުކުންނަ ނުރައްކާތެރި އެއްޗެކެވެ. އާންމުކޮށް މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވަޒީފާއަކަށް ނުދާ އަދި އެހެނިހެން ކުށްތަކަށް ވެސް އަރައިގަންނަ މީހުންނެވެ. މިފަދަ މީހުންގެ ތެރޭގައި މާރާމާރީ އަދި ވައްކަން ކުރުން މީ އާންމު ކަމެކެވެ. ސަބަބަކީ މަސްތުވާތަކެތި ގަންނަން ލާރި ހޯދުމެވެ. ލާރި ހޯދުމަށް އެންމެ ފަސޭހަ ގޮތަކީ ވައްކަން ކުރުން ކަމަށް މި މީހުން ދެކެއެވެ. ބޭރު ތެރެއިން އަދި ތިމާގެ އަމިއްލަ ގެއިން ވައްކަން ކުރާ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މަސްތުވާތަކެތި ބޭނުންކުރަން ފެށުމަށް ފަހު އޭގެ ވަބާއިން ސަލާމަތް ވެފައި ވަނީ މަދު މީހެކެވެ. ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާ ދޭނެ ސެންޓަރުތައް ހުއްޓަސް އެ ބޭނުންކުރާ މީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުދެވެއެވެ. ނޫނީ ނުދެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ބޭނުން ހެޔޮގޮތުގައި ނުހިފެއެވެ. އެތަންތަނުގެ އުސޫލުތަކާއި އޮނިގަނޑުގެ ދޯހަޅި ކަމުން ފަރުވާއަށް ވައްދާ އެތައް ބަޔަކު ފަރުވާ ފުރިހަމަ ނުކޮށް މުޖްތަމައަށް ދޫކޮށްލުމަކީ މިކަމުގެ އެއް ހެއްކެވެ. ނަތީޖާއަކަށް ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެނބުރި މުޖްތަމައަށް ނުކުމެ ކުރިން އެއްކޮށް އުޅުނު މީހުންނާ ދިމާވެ އަލުން އެކަމުގެ ތެރެއަށް ވަނުމެވެ.
މަސްތުވާތަކެއްޗަކީ ކުރިން ވަރަށް ސިއްރުން ކޮށް ބޭނުން ކޮށް އުޅުނު އަދި ލިބެން އެހާ ފަސޭހަ އެއްޗަކަށް ނުވިކަމުގައި ވިޔަސް މިހާރު އެއީ ކަންމަތީ ފިހާރަތަކުން ވިއްކާ ހަކުރު، ފުށް ފަދަ އާންމު އެއްޗެކެވެ. ރޯމާ ދުވާލު އާންމުން ހިނގާ ބިނގާވެ އުޅޭ މަގުތައް މަތީގައި ވެސް ވިއްކަނީ އެވެ. ނުވިތާކަށް މީހަކު ބުނި ތަނަކަށް ބުނި އަދަދަކަށް ޑެލިވެރީ ކުރުމުގެ ހިދުމަތް ވެސް ދެއެވެ. އަދި ކެފޭ ފަދަ ތަންތަން ހަދައިގެން އެތަންތަނުގައި ވެސް އެ ބޭނުން ކުރުމުގެ ހިދުމަތް ދެވެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގައިފައިވާ އޮޕަރޭޝަން ތަކުގެ މައުލޫމާތު މީޑިއާ އަށް ދެމުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި "ޑްރަގް ކެފޭ" ތަކުން އާންމުކޮށް ހިދުމަތް ހޯދާ ހާހަކަށް ވުރެ ގިނަ ދިވެހިން އުޅެއެވެ. މީގެތެރޭގައި މަސްތުވާތަކެތީގެ ފަރުވާއިން ވަކިކުރެވިފައިވާ މީހުންނާއި، ދެވަނަ ފަހަރަށް ހުކުމްކޮށްފައި ވާ މީހުންގެ އިތުރުން ރިހެބިލިޓޭޝަން ފަރުވާއަށް ކޯޓުން ހުކުމް ކޮށްފައިވާ މީހުން ހިމެނެއެވެ.
މިތަންތަނުން ގަވައިދުން ހިދުމަތް ހޯދާ ބިދޭސީން އުޅޭކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. މިފަދަ ޑްރަގް ކެފޭތައް ހަދާފައި ހުންނަނީ ވަރަށް ވެސް ސެކިއުރިޓީ ވަރުގަދަކޮށެވެ. އެގޮތުން ގިނަތަންތަނުގައި ދަގަނޑު ގޭޓު ލާފައި ވަރުގަދަ ލޮކް ސިސްޓަމް ހަރުކޮށްފައި ހުންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިގޮތަށް މިކަން ކޮށްފައި ހުންނަނީ ފުލުހުން ދިޔަޔަސް ފަސޭހައިން ވަދެވޭނޭ މަގު ހަނިކުރުމުގެ ބޭނުމުގައެވެ. ސަބަބަކީ އެތަނަކަށް ވަންނަން ވަގުތު ހޭދަވާ އިރު އެއީ އެމީހުން ގެންގުޅޭ މަސްތުވާތަކެތި ފޮރުވަން ލިބޭ މުހިއްމު ވަގުތެއް ކަމުގައި ވާތީއެވެ. ނަމަވެސް 2020 މާޗު މަހުން ފެށިގެން ފުލުހުން ވަނީ މިކަހަލަ އޮޕަރޭޝަންތަކަށް ބޭނުން ކުރާ އެންމެ ޒަމާނީ އާލާތްތައް ބޭނުން ކުރަން ފަށާފައެވެ. މީގެތެރޭގައި ދޮރު ވައްޓާލަން ބޭނުންކުރާ ހައިޑްރޯލިކް އިކުއިޕްމަންޓްސް އަދި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ސާމާނު ހިމެނެއެވެ.
ހުއްޓުވޭނޭ ގޮތެއް ނެތި ދިވެހި ޖީލެއް މިވަބާގައި ޖެހި ހަލާކުވަމުން ދާއިރުގައި މަސްތުވާތަކެތީގެ ތެރެއިން ކުރިން، ރާއްޖެއަށް އެހާ އާންމު ނޫން ނުރައްކާތެރި ބާވަތްތައް ވެސް އެތެރެކުރުން ވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. މީގެތެރޭގައި އެކި ބާވަތްތަކުގެ ޕާޓީ ޑްރަގްސް ހިމެނެއެވެ. 2013 ވަނަ އަހަރު ފުރަތަމަ ރާއްޖެއަށް އެތެރެކުރި ކަމަށް ބެލެވޭ ޕާޓީ ޑްރަގްސްގެ އާއިލާ އަށް ނިސްބަތްވާ، އަދި ރާއްޖޭގައި ކުރިން އެހާ އާންމު ނޫން ނުރައްކާތެރި ޑްރަގެއް ކަމުގައިވާ ކޮކެއިން އެތެރެކުރުން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނިގޮތުގައި އެންމެ ގްރާމެއްގެ އަގު 2000ރ ގައި ވިއްކާ ކޮކެއިން މިހާރު ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމު ވެފައެވެ. އަދި މި ބޭނުން ކުރާ މީހުން ގިނައިން ބޭނުން ކުރަނީ ހަފްތާ ބަންދުތަކުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
ރާއްޖޭގެ ޒުވާނުންގެ އާބާދީގެ މެދުގައި ޕާޓީ ޑްރަގްސް ވަނީ ވަރަށް ވެސް ނުރައްކާތެރި ދަރަޖައަކަށް އާންމު ވެފައެވެ. މީގެތެރޭގައި ރަނގަޅު ވަޒީފާތަކުގައި އުޅޭ ދެޖިންސުގެ ޒުވާނުންވެސް ހިމެނެއެވެ.
ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކަމަށް ބެލެވޭ ޕާޓީ ޑްރަގް ކަމުގައިވާ ކްރިސްޓަލް މެތަކީ އޭގެ ސަބަބުން ސިއްހަތަށް ދިގުދެމިގެންވާ ބޮޑެތި ގެއްލުންތަކެއް ލިބޭ އެއްޗެކެވެ. ކްރިސްޓަލް މެތަކީ ގަވާއިދާ ހިލާފަށް އުފައްދާފައިވާ މެތަމްފެޓަމިންގެ ވައްތަރެކެވެ. މެތަމްފެޓަމިން އަކީ ވަރަށް މަދު ހާލަތެއްގައި ބައެއް ފަރުވާތައް ދިނުމަށް އުފައްދާފައިވާ ބޭހެކެވެ. ނަމަވެސް ކްރިސްޓަލް މެތު އުފައްދާފައި ވަނީ އެއަށް ވުރެ އެތައް ގުނައެއް ބާރުގަދަކޮށް ވިހަ ކެމިކަލްތަކާއި، ބެޓެރީގައި ބޭނުން ކުރާ ކެމިކަލާއި އަވަހަށް މަސްތުވާ އަދި މަސްތުވުން ގިނަ އިރަށް ދެމިގެންދާ ފަދަ އެކި މާއްދާތައް ހިމަނައިގެންނެވެ.
މީގެ ބައެއް ސިއްހީ ނުރައްކާތަކަށް ބަލާއިރު ވިހަވުން، އޯވަރޑޯޒްވުން، ހިތުގެ ތެޅުން އަވަސްވުން، ލޭގެ ޕްރެޝަރު މަތިވުން، އަވަސް އަވަހަށް ނޭވާ ލެވުން، ސިކުނޑީގެ ނާރުތައް ހަލާކުވުން، މީގެ އިތުރުން ސިކުނޑިއަށް ދިމާވާ ނުރައްކާތެރި ހާލަތްތައް ކަމުގައިވާ އެންޒައިޓީ، ސައިކޯސިސް، ހެލުސިނޭޝަންސް ފަދަ މައްސަލަތައް ކުރިމަތި ވެއެވެ. އަދި މީގެ އިތުރުން ބައެއް ހާލަތްތަކުގައި މީހާގެ ފުރާނަވެސް ދެއެވެ.
ހެރޮއިން އެޑިކްޝަނަށް ރާއްޖޭގައި ފަރުވާ ދެވުނަސް ކްރިސްޓަލް މެތުގެ އެޑިކްޝަނަށް ދެވޭ މާ ބޮޑު ފަރުވާއެއްވެސް ނޯވެއެވެ.
2019 ވަނަ އަހަރުން ފެށިގެން ފެބްރުއަރީ 2022 އާ ހަމައަށް ޑްރަގް އޯވަޑޯޒްގެ 21 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެތެރެއިން ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެސް ވެއެވެ.
އަޅުގަނޑުމެންގެ ޅަދަރިންވެސް މިއަދު މި ވަބާގައި ޖެހިއްޖެއެވެ. ޕާޓީތަކުން ގޮސް ސްކޫލުތަކާ ހަމައަށް ވެސް ފޯރައިފިއެވެ. ދާދި ފަހުން މާލޭ ސަރަހައްދުގެ ސްކޫލެއްގެ ކުއްޖަކު ޕާޓީ ޑްރަގްސް ސްކޫލަށް ގެންގޮސްގެން އެހެން ކުދިންނަށް ދީގެން އުޅެނިކޮށްވެސް ވަނީ ފަޅާއަރާފައެވެ. ކުޑަކުދިން ހިތްކިޔާ އަދި ކާހިތްވާ ގޮތަށް އެކި އެކި މެޓާގެ ސިފައިގައި ވެސް މިހާރު ޕާޓީ ޑްރަގްސް ދަނީ އުފައްދަމުންނެވެ.
މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ކުޑަކުދިން ލައްވާ މީގެ ވިޔަފާރި ކުރުވުން ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އާންމުކޮށް ކުޑަކުދިން ގެންގުޅެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުތަކުގެ މީހުން އެއްތަނުން އަނެއް ތަނަށް އެއްޗެހި އުފުލުމަށެވެ. މީގެ މަގްސަދަކީ ގާނޫނުގައި ކުޑަކުދިންނަށް ދީފައިވާ ލުއިތަކުގެ ނާޖާއީޒް ފައިދާ ނެގުމެވެ. ސަބަބަކީ 15 އަހަރު ނުވަންޏާ އެކުޖައްކު ގާނޫނީ ޒިންމާއިން ބަރީއަ ވުމެވެ. ތަހުގީގުގައިވެސް ވާހަކަ ދެއްކެނީވެސް ކުއްޖާ ބޭނުން ވެއްޖެ ނަމަ އެކަންޏެވެ.
އަސްލު ވިއްކާ މީހުން ފޮރުވިގެން ތިބެ ކުދިން ލައްވާ މިކަންތައް ކުރުވައެވެ. އަދި ފުލުހުންގެ ހައްޔަރަށް ގޮސްފިއްޔާ ހަދަންވާ ގޮތާއި ކިޔާނެ އެއްޗެހި ވެސް ކުރީބައިގަ މިކުދިންނަށް އޮންނަނީ ކިޔައި ދީފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅެނިކޮށް އެންމެ ގިނައިން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ކުދިން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން މިހާތަނަށް 525 ކުދިން ހައްޔަރު ކުރެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު ހަލާކު ކުރަމުން މިދަނީ އަޅުގަނޑުމެންގެ އަމިއްލަ އަތުންނެވެ. އަމިއްލަ މަންފާ އަށް ޓަކައި މައުސޫމު ކުދިންތަކެއްގެ ދުވަސް ދުއްވާލަނީ އެއްވެސް ވަރެއްގެ ހަމްދަރުދީއެއް ނެތިއެވެ. މިވަބާގައި ޖެހިފައިތިބި ޅަދަރިން އެއިން ސަލާމަތްކޮށް އެކުދިންގެ މުސްތަގުބަލު އުޖާލާކުރަން މަސައްކަތް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ގައުމީ ވާޖިބަކަށް މިއަދު ހަދަން ޖެހެއެވެ. މިކަމުގައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުންގެ އެހީވެސް ނުހަނު ބޭނުން ވެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދެއް ނުވެއެވެ. އެތެރެކުރުން މަދެއް ނުވެއެވެ. އެތައް ގުރާމަކުން، އެތައް ސަތޭކަ ގުރާމުން ގޮސް އެތައް ހާސް ކިލޯ އަށް އަދަދު އުފުލިއްޖެއެވެ. އެތެރެކުރާ މީހުންނާ އެއްކޮށް މަސްތުވާތަކެތި އެހާވަރަށް އަތުލަން ވެސް އަތުލައިފިއެވެ. ނަމަވެސް މިވިޔަފާރި ދަނީ ހައްތަހާވެސް ކުރިއަށެވެ. މަސްތުވާތަކެއްޗާ އެއްކޮށް އަތުލައިގަނެވޭ އެތައް ބަޔަކު ކޯޓު މަރުހަލާއާ ހަމައިން ދޫވެއެވެ. އެކަށީގެންވާ ވަރަށް ހެކި ނުހުރުމާއި، އެތަކެތި އަތުލުމުގައި ފުލުހުން ހަދާ ގޯސްތަކުގެ ސަބަބުން ކަމަށް ބުނެއެވެ.
ގާނޫނުގައިވާ ބާގަނޑުތައް ބެދިގެން ނޫނީ މިކަމަށް ހައްލެއް ނެތެވެ. މީގެ އިތުރުން ކަމާ ބެހޭ މުއައްސަސާތަކުގައި ތިބި ވެރިންގެ ޒިންމާވެސް ބޮޑެވެ. ޑްރަގް ލޯޑުންގެ ބާރުގަދަ ކަމުގެ ވާހަކަ އެއީ އަބަދުވެސް އަޑު އިވޭ ވާހަކައެކެވެ. އެވެރިން ބޮޑެތި މަގާމުތަކުގައި ތިބޭ ސިޔާސީ މީހުން ގަނެލާފައި ތިބޭ ވާހަކައެވެ. ރިޝްވަތު ދީގެން ކޯޓު މަރުހަލާއިން ސަލާމަތްވާ ވާހަކައެވެ. ކަންތައްތައް ގޮސްފައި އޮތް ހިސާބަށް ބަލާއިރު މިއީ ތޯތޯ ވާހަކަ ކަމަށް ނިންމޭކަށް ވެސް ނެތެވެ. ހުރިހާވެސް މައްސަލައަކީ އިހުލާސްތެރިކަމެއް ނެތުމެވެ.
ގައުމުން މި ނުބައި ވަބާ ފިލުވާލަން މަސައްކަތް ކުރުން މިވަނީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ފަރުދީ ޒިންމާ އަކަށް ހަދަން ޖެހިފައެވެ. ގައުމުގެ ހާލަތު ބަދަލުކުރަން އެންމެން އެކައްޗެއް ކިޔައި އަތުކުރި އޮޅާލައިގެން ނިކުންނަން ވެއްޖެއެވެ. އަޅުގަނޑުމެންގެ ލޯބިވާ ޅަދަރިންގެ ހައްގުގައެވެ. މައިންބަފައިން ވެސް ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދީ މިފަދަ ނުބައި ކަންތަކުން ދުރުވެވޭނޭ އެންމެހައި ގޮތްތައް ހޯދައި އެކުދިންނަށް ފާރަވެރިވެ ރަނގަޅަށް ބަލަން ވީއެވެ. އިސްލާމްދީނުގައި މަސްތުވާތަކެތި ބޭނުން ކުރުމަކީ ބޮޑުވެގެންވާ ހަރާން ކަމެއް ކަމުގައި ބުނެދީ ކުދިން ދީނަށް އަހުލުވެރި ކުރުވުން އިތުރު ކުރަންވީއެވެ.
މާތްﷲ މި ނުބައި ވަބާއިން އަޅަމެންގެ ގައުމު މިންޖުކުރައްވާށި. އާމީން
ވަރަށް މައުލޫމާތު މުއްސަނދި ލިޔުމެއް. ޢަހަރުމެންގެ މިގައުމު މިވަބާއިން ސަލާމަތް ކޮށްދެެއްވާށި. ޢާމީން.
ތިޔަކަމަކާ މިއަދު ކުރާނެ ކަމެއް ނެތް ޤާނޫނު ހަދާމީހުން ތިބީ އެކަން ސާބިތު ނުވާ ގޮތަށް ޤާނޫނު ހަދަން ޕޮލިހުން ތިބީވެސް އެގޮތަށް ޤާޒީންވެސް ތިބީ އެގޮތަށް ޕޮލިހުން މިހާރު ބުނަނީ ތިޔަކަމާ މިހާރު އައު ޤާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނެތް މިއިން ކޮންމެ ބަޔަކުވެސް މިކަން އަޅުވަނީ އަނެއްބައެއްގެ ބޮލުގައި މިރަށް ތޮއްޑޫގައި މިހާރު އުޅެވޭކަށް ނެތް ސަރުކާރުން މިކަން ކުރާ 5މީހުން ހުއްޓަވަން މިރަށް ޕޮލިސް ޓީމެއް ވަގުތުން ފޮނުވަން އެބަޖެހޭ
ވަގު ބަންގާޅީންނާއި ޑްރަގު ވަގުން ކޮންޓްރޯލު ކުރުމަށް ވަގުތުން ޕޮލިހާއި އިމިގްރޭޟަނުން ތޮއްޑުއަށް އަރަން އެބަޖެހޭ ވެރީ ސީރިއަސް ވެރީ އާޖެންޓް