މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ގދ. ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އެ ރަށު އަބްދުﷲ ރަޝީދު މަޑަވެއްޔަށް ގެންދިޔައީ މަރުވިތާ ބައި ގަޑިއިރުފަހުން ކަމަށާއި ހަށިގަނޑު ވަޅުނުލާ ހިފަހައްޓާ ސަބަބެއް ފުލުހުންނަކަށް ނުބުނެވޭ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އާއިލާގެ ފަރާތުން "ދަ ޕްރެސް" އާ ވާހަކަދައްކަމުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށްބުނެ ކޯޓު އަމުރެއްގެ ދަށުން އަބްދުﷲ ހައްޔަރުކުރީ އޭނާ ދިރިއުޅެމުންދިޔަ ގެ ބަލާ ފާސްކުރުމަށްފަހު ކެފޭއެއްގައި އިންދާ ކަަމަށެވެ. ތިނަދޫއަށް ދިއުމަށް އަބްދުﷲ ލޯންޗަށްވެސް އެރީ ހިންގާފައި ގޮސް ކަމަށާއި އޭގެ އިރުކޮޅެއްފަހުން އޭނޭގެ މާގައި ރިއްސާތީ ރޮއި އާދޭސްކުރި ކަމަށް އެ ލޯންޗުގައި އިން އެހެން މީހަކާ ހަވާލާދީ އާއިލާއިން ބުންޏެވެ.
ލޯންޗު ނައްޓާލުމުގެ ކުރިން މޭގައި ރިއްސާތީ އަބްދުﷲ ރޮއި އާދޭސްކުރި ވަގުތަކީ މަޑަވެލި ދާއިރާގެ މެންބަރު މަސް ބާނަން ދިއުމަށް ފުރަން ނިކުތް ވަގުތު ކަމުން އަބްދުﷲ އަށް ލަސްނުކޮށް އަވަސް ފަރުވާދިނުމަށް އެދުނު ނަމަވެސް އަބްދުﷲ ޖައްސަނީ "ފޭކެއް" ކަމަށް ފުލުހުން ބުނި ކަމަށް އާއިލާއިން ބުންޏެވެ. އަދި އެ ވަގުތު ރަށު ކައުންސިލްގެ ނައިބު ރައީސް އާއި ހެލްތް ޕޯސްޓްގެ މެނޭޖަރުވެސް އެތާ ހުރެ ޑޮކްޓަރަށް ދެއްކުމަށް އެދުނު ކަމަށާއި ޑޮކްޓަރު ގެނެސްވެސް ދީފާނެ ކަމަށް މެނޭޖަރު ބުނި ނަމަވެސް ފުލުހުން އެކަމަށް އިންކާރު ކުރި ކަމަށް ވެސް ވަނީ ބުނެފައެވެ.
އާއިލާއިން ބުނީ ޑޮކްޓަރުންގެ ރިޕޯޓުގައި އަބްދުﷲ މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައީ މަރުވިތާ 30 މިނެޓް ފަހުން ކަމަށްވާއިރު އޭނާ މަރުވެފައިވަނީ ހޯޑެއްދޫއިން ލޯންޗު ނައްޓާލުމުގެ ކުރިން ކަމަށް އާއިލާއިން ބުނެއެވެ. ސަބަބެއްގެ ގޮތުން އާއިލާއިން ފާހަގަކުރަނީ ހޯޑެއްދޫއިން 3 ނުވަތަ 4 މިނެޓުން މަޑަވެއްޔަށް ދެވޭތީއެވެ.
އަބްދުﷲ މަރުވި ކަމެއްވެސް މި ވަގުތާ ހަމައަށްވެސް ފުލުހުން އާއިލާއަށް އަންގާފައިނުވާއިރު މަޑަވެއްޔަށް ގެންދިޔަކަންވެސް އެނގުނީ އެ ރަށުގެ މީހުންގެ ފަރާތުން ކަމަށް ބުނެއެވެ.
އާއިލާއިން ބުނީ އަބްދުﷲ އަންހެންނާއި 4 ދަރިން މާލޭގައި ތިބިއިރު އެ މީހުންނަށް ރަށަށް ނުދެވޭނެތީ ހަށިގަނޑު މާލެ ގެންނަން އެދުނު ކަމަށާއި މާލެ ގެނެސް ޕޯސްޓްމޯޓަމް ހަދަން ފޮނުވާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.
ޕޯސްޓްމޯޓަމް ހަދަނީ އަނިޔާ ދީފައިވޭތޯ ބަލަން ކަމަށްވާއިރު މަސްގަނޑަށް އަނިޔާ ދީފައި ނުވާކަމަށް ޑޮކްޓަރުންވެސް ބުނެފައިވާއިރު ޕޯސްޓްމޯޓަމް ހަދަން ޖެހޭ ބޭނުމެއް ނެތް ކަމަށް އާއިލާއިން ފާހަގަކުރެއެވެ. އަދި އަބްދުﷲ މަރުވީ ހާޓްއޭޓޭކެއް ޖެހިގެން ކަމަށް އޭނާ ބެލި ޑޮކްޓަރު ބުނެފައިވާއިރު އެކަން މުޅި އާއިލާއިން ގަބޫލުކުރާ ކަމަށް ވަނީ ބުނެފައެވެ.
އަބްދު ﷲ ހަށިގަނޑު ވަޅު ނުލެވިގެން އާއިލާއިން ސަރުކާރުގެ ހުރިހާ މުވައްސަސާއަކަށް އެދެމުންދާއިރު ވެސް ފުލުހުން ބުނަމުންދަނީ ގާނޫނީ ގޮތުން ބާރުގެ ބޭނުންކޮށްގެން ވެސް ބޭރަށް ގެންގޮސްގެން އެކަން ކުރާނެ ކަމަށް އާއިލާއިން ބުނެއެވެ.
ހަށިގަނޑު ބޭރަށް ފޮނުވޭނެ ދުވަހެއް ނޭނގޭއިރު އިތުރު މުވައްސަސާއެއްގެ ބަހެއް އާއިލާއަށް ނުލިބޭ ކަންވެސް އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
އާއިލާއިން ބުނީ ކޯޓަށް އެ މައްސަލަ ހުށަހަޅައިގެން ގާނޫނީ ވަކީލެއްވެސް އަންނަނީ މަސައްކަތްކުރަމުން ކަމަށާއި ހަށިގަނޑު ހިފަހައްޓަން އުޅޭ ސަބަބުން ލިޔުމަކުން ދިނުމަށްވެސް ފުލުހުން އިންކާރުކުރާ ކަމަށެވެ. އަދި މިކަމުގައި ސިޔާސީ ކަމެއްވެސް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އާއިލާއިން ބުނެއެވެ.
އާއިލާގެ ފާރާތުން ގަލޮޅު މޯޗަރީ ކައިިރި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އާއިލާއަށް މޫނު ދައްކަން ދެކޮޅު ހަދާ ކަަމަށާއި އަބްދުﷲ ގެ ދަރިންނަށްވެސް މޫނު އަދި ނުފެންނަ ކަމަށެވެ. އަދި ފުލުހުން މާލެ ގެންނަމުންވެސް ގެނެސް ސަރަހަރާއަށް ގެންގޮސްދޭނެ ކަމަށްވެސް ބުނި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ހަކުރުބޯމީހާއާއި ހަކުރުވިއްކާހީހާ ބަރާބަރު ޕޮލިސްކަޑަ! މިއަދުގެ ހާލަތު!