ކޯލިޝަންގެ ޕާޓީއަކަށް އަތޮޅެއް ދެން ދުލެއް ނުކޮށްލާނެ ކަމަށާއި އެއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ނ އަތޮޅާއި ދ އަތޮޅާ މީގެ ކުރިން ދޫކޮށްލެވިފައި ވާ ކަމަށާއި އެއީ އެމްޑީއޭއާ ހެދުނު ވަރުގަދަ އެއްބަސްވުމެއްގެ ދަށުން ކުރެވުނު ކަމެއް ކަމަށެވެ. އެހެންނަމަވެސް އެމްޑީއޭއިން ވެސް ހައްގުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ކުރީ އެ ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތްތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ދެން ކޯލިޝަން ހެދިކަމުގައި ވީނަމަވެސް ދެން އެއްވެސް އަތޮޅެއް، އެއްވެސް ދާއިރާއެއް ހާއްސަކޮށް ނ އަދި ދ އަތޮޅެއް އެއްވެސް ބަޔަކަށް ދޫ ނުކޮށްލާނެ ކަމުގެ ކަށަވަރުކަން ދެއްވާފައެވެ.
އަތޮޅު ބެެލެހެއްޓުން އެއްގޮތަކަށް ވެސް ގަވަރުނަރަކު ލައިގެން ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އެއަށްވުރެ ނ އަތޮޅާ އެމަނިކުފާނާ މާ ބޮޑަށްވެސް ގާތް ކަމަށް ޔާމީން ވިދާޅުވިއެވެ.
ކޯލިޝަން ހަދައިގެން ސިޔާސީ މަސައްކަތެއް ކުރަން ލިބުނު ކަމުގައި ވިޔަސް ކައުންސިލު އިންތިހާބުގެ ކައުންސިލް ގޮނޑިއާ ހިސާބުވެސް ދެން ކޯލިޝަންގެ ޕާޓީއަކަށް ދުލެއް ނުކުރާނެ ކަމަށާއި އޭގެ ހިތި މިހާރު ތަހައްމަލު ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިއަދު އެމްޑީޕީއަށް ލިބިގެން އުޅޭ ބޮޑު މެޖޯރިޓީއަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް މަކަރުތަކެއް ހައްދަވައިގެން ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެގެން ޕީޕީއެމްއިން ދޫކޮށްލި ގޮނޑިތައް ކަމަށެވެ.
އެ ދާއިރާތައް ދޫކޮށްލުމުގެ ނަތީޖާއަކަށް ވީ ޖޭޕީއަށްވެސް ގޮނޑިނުލިބި ޕީޕީއެމްއިން އެ ދާއިރާތަކަށް ކުރިމަތި ނުލެވުން ކަމަށް ޔާމީން ވިދާޅުވިއެވެ.
ރާްއޖޭގައި އޮތީ ސިޔާސީ ދެ ފިކުރު ކަމަށް ވާއިރު ޖޭޕީއަކީ އެ ދެ ފިކުރުގެ ތެރޭގައި އެއްވެސް ކޮޅެއްގައި ނުޖެހި އުޅޭ ޕާޓީއެއް ކަމަށާއި މިއަދު ރާއްޖެ އުޅޭ ހަގީގީ ހިތްދަތި ކަމުގެ ސިއްރަކީ ޖޭޕީއަށް ދާއިރާތައް ދެވުން ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.