އެމްޑީޕީގެ ހަގީގަތްތައް ރައްޔިތުންނަށް ހާމަވާން ފަށާފައިވާ ކަމަށާއި އެމްޑީޕީ މިއަދު އޮތީ ބަރަހަނާވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، ރައީސް ޔާމީން ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދަޅުވީ، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސް ވަރު އެމްޑީޕީން ޑިމޮކްރަސީ އަށް ވަރަށް ބޮޑަށް ވަކާލާތު ކުރި ކަމަށެވެ. އަދި ސަރުކާރު ބަދަލު ކޮށް ޑިމޮކްރަސީ ނުގެނެސް ރާއްޖެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ބުނެ ރަށްރަށުގައި ހުރި ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަމަށް އެމްޑީޕީން ހެދި ކަމަށް ޔާމީން ފާހަގަ ކުރެއްވިއެވެ.

އެ ސަރުކާރަށް ޕްރެޝަރު ކުރަން އެމްޑީޕީގެ ފިކުރަށް އައި އެންމެ ބޮޑު ކަމަކީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނެރުވުން ކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ މަގުމައްޗަށް ނިކުމެ ދައްކަން ބޭނުންވާ ވާހަކައެއް ދެއްކެން ވާނެ ކަމުގެ ވިސްނުން އެމްޑީޕީން ޒުވާނުންނަށް ވިސްނައި ދެމުން ދިޔަ ކަމަށެވެ.

ނަމަވެސް ކަންކަން ނިއުޅެމުން ދިޔަ ވަރަކަށް އެމްޑީޕީގެ ހަގީގަތްތައް ރައްޔިތުންނަށް ހާމަވާން ފަށާފައިވާ ކަމަށް ޔާމީން ވިދަޅުވިއެވެ.

މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަޅުގަނޑު ގަބޫލު ކުރަނީ މިލަދޫގެ ރައްޔިތުންނަށް ވެސް އެމްޑީޕީގެ ހަގީގީ ސޫރަ ފެނިގެން ދިޔައީ. އެހެންވީމަ އެހާ ކުރިން ހަގީގީ ސޫރަ ފެނިގެން ދިޔައީ. މިއަދު މިއޮތީ ހަގީގީ ސޫރަ ފެންނާކަށް އިތުރަކަށް ހޯދާނެ ކަމެއް ނެތް. މިއަދު މިއޮތީ ބަރަހަނާވެފައި. މިއަދު މިވާގޮތަކީ އެ މީހުން އޭރު ދައްކަމުން އައި އެއްވެސް ކަމަކަށް އެ މީހުންނަކަށް ކެއްކޮށްލާކަން ނުކެެރޭ. އަޅުގަނޑުމެން މިތިބީ މަގުމަތީގައި. އަޅުގަނޑުމެން މިއަދު މަގުމަތީގައ މިތިބީ ހުރިހާ އުސޫލެއް ދަވާލާފައި އެމްޑީޕީން ބޭނުންވާ ގޮތަށް ކަންތައް ކުރާތީ.
ރައީސް އަބްދު ﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ

ޔާމީން ވަނީ، ކުރިން މަރުވާ ކޮންމެ މީހަކީ ރައީސް މައުމޫން މަރާލާ މީހެއް ކަމަށާއި އަދި އޭގެ ޒިންމާ ރައީސް މައުމޫން ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށް އެމްޑީޕީން ބުނި ކަމަށާއި އަދި އެފަދަ މަރުތަކާ ގުޅިގެން އެމްޑީޕީން އެތައް ބަޔަކު އެއްވެ އަޑު ގަދަ ކުރަމުން ގެންދިޔަ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީން ވެރިކަމަށް އައުމުން އެ އަޑު އުފުލުން ވެސް މަނާވެފައިވާ ކަމަށް ޔާމީން ފާހަގަ ކުރެއްވިއެވެ.

ޔާމީން މިހެން ވިދާޅުވީ، ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރު ކުރި އަބްދުﷲ ރަޝީދު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލާގައި އެމްޑީޕީން އެކަމާ ގުޅިގެން އަޑުއުފުލާފައި ނުވާތީއެވެ.

ޕީޕީއެމްގެ ހޯނޑެއްދޫ ސްޓިއަރިން ކޮމިޓީގެ ރައީސް އަބްދުﷲ ރަޝީދު މަރުވީ، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އާއިލާއިން މައުލޫމާތު ވަނީ ދީފައެވެ.

ރަޝީދު ކުއްލި ގޮތަކަށް މަރުވި މައްސަލާގައި ފުލުހުންނަށް ބޮޑު ތުހުމަތުތަކަކާ އެކު، މަޑަވެލީ ސިއްހީ މަރުކަޒު ދޮށަށް ބަޔަކު އެއްވެ، ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ. އޭނާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.