އައްޑޫގެ ދެކުނުގައި އޮންނަ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ މަޖިލީހުން ބަލައި އެ ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް ފެންނަ ނަމަ ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުމަށް ކުރީގެ ދެ ބަންޑާރަނައިބުން ގޮވާލައްވައިފިއެވެ.

ރާއްޖެއިން ވަނީ އދ ގައި 2010 ވަނަ އަހަރު ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޛޭގެ ގާނޫނު އަސާސީގައިވާ އިންތައް ހުށާހަޅާފައެވެ. އެ ހުށަހެޅުމާ ދެކޮޅުހަދައި ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ 2019 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. ނަމަވެސް އެ ސިޔާސަތު ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭން ނިންމާފައިވާ ކަން ދާދި ފަހުން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ ހާމަ ކުރައްވާފައެވެ. މިކަމާ ގުޅިގެން ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރު ކޮށްފާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ އިރު ސަރުކާރުން ބުނެފައި ވަނީ އދ. ގައި ވޯޓު ދޭން ނިންމުމަކީ އިން ކަނޑައެޅުމުގެ މައްސަލައަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު އާއި އާޒިމާ ޝަކޫރު ގުޅިގެން ވަނީ ބާޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، ރާއްޖެއިން އެ ސަރަހައްދު ބައިކުރުމަށް ހުށަހަޅައި އެއްބަސް ވަނީ މިހާތަނަށް ދައުލަތުން އެކަމަށް އިއުތިރާޒު ކުރަމުން އައި ސްފައިވާ 'އެކިއުޑިސްޓަންސް'ގެ އުސޫލުން ހަމަހަމައަށް ކަން، ރާއްޖެއިން ޓްރައިބިއުނަލަށް ހުށަހެޅި 'ކައުންޓާ މެމޯރިއަލް'ގެ ބައެއް ނުކުތާތަކުން ސާފުވާ ކަމަށެވެ. އެގޮތުން ފުށުއަރާ ސަރަހައްދު ބައިކުރުމަށް މިހާރު ބޭނުން ކުރާ މެތޮޑޮލޮޖީ ތިން މަރުހަލާއަކަށް ބެހޭ ކަަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެއީ ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ވަގުތީ ރޮނގެއް ދެމުމާއި، ހާލަތްތަކަށް ރިއާޔަތްކޮށް، އެ ވަގުތީ ރޮނގަށް ގެންނަން ޖެހޭ ބަދަލު އޮތްތޯ ބެލުމާއި، އެ ދަމާލެވޭ ރޮނގުން، ކަނޑައެޅޭ ވަކި ހަމަތަކެއްގެ މައްޗަށް ބިނާކޮށް ބަލާއިރު ބޭއިންސާފު ނަތީޖާއެއް ނުކުމޭތޯ ބެލުމެވެ.

ނަމަވެސް ބައިކުރުމުގެ ފުރަތަމަ މަރުހަލާގައި ފުށުއަރާ ފުރަތަމަ ސަރަަހައްދުގެ މެދުން ދަމާލެވޭ ވަގުތީ ރޮނގު ބޭރަށް ޖައްސައި، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ލިބެން ޖެހޭ ކަމަށް ފެށުނީއްސުރެ ދައުލަތުން ދެކެމުން އައީ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ހޯދުމަށް ދެ ވަނަ އަދި ތިން ވަނަ މަރުހަލާގައި ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ. އަދި ދައުލަތުން ޒަމާނުއްސުރެ ވަކާލާތު ކުރަމުން އަންނަ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސޯދީ ސަރަހައްދު އެކުގައި ފަހަރެއްގައި ލިބެން ނެތް ހާލަތުގައި ވެސް، އެ ސަރަހައްދު، މެދު ރޮނގަށް ވުރެ ބޭރަށް ޖައްސައި، ވީހާވެސް ބޮޑު ސަރަހައްދެއް ހޯދުމަށް މަސައްކަތް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމްވާ ކަމަށް އެ ބަޔާޏުގައި ބުނެއެވެ. ނަމަވެސް އެ މަސައްކަތް ސަރުކާރުން ކޮށްފައި ނުވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

އިޓްލޮސް އިން ނިންމީ، މޮރިޝަސްގެ އަޅުވެތިކަން މުޅިން ނިމުމަކަށް ނައި ނަމަވެސް، ޗާގޯސް ކައިރިން އީއީޒެޑްގެ އިން ކަނޑައެޅުމުގެ މައްސަލައެއްގައި ބަލަން ޖެހޭ ގައުމަކީ މޮރިޝަސް ކަމަށާއި އެހެންކަމުން ރާއްޖެއާ ޖެހިގެން އެ އޮތް އައްސޭރިފަށަކީ މޮރިޝަސް ކަމަށް އެ ބަޔާނުގައި ބުނެއެވެ. ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ބައިކޮށް ދަމާލާ ވަގުތީ ރޮނގު ބޮޑުކުރުން ޖަސްޓިފައިވާ ހާލަތްތައް ހުރި ނަމަވެސް އެ ހާލަތްތައް ސަރުކާރުގެ ހުށަހެޅުންތަކުގައި ވެސް ބަޔާންކޮށް، އެ މަގުން މަސައްކަތްކޮށްފައި ނެތުމުން އެކަމުގެ ގާނޫނީ ނަތީޖާއަކީ ސަރުކާރުން މޮރިޝަސްއަށް ދޫދޭތަން ފެނިގެން ދިއުން ކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މިއީ ރާއްޖެއަށް ލިބުމުގެ ފުރުސަތު އޮތް ސަރަހައްދެއް ގެއްލުމުގެ ސަބަބެއް ކަމަށް ފެންނާތީ މިކަން މަޖިލީހާއި ކަމާ ބެހޭ މުއައްސަސާތަކުން ބަލައި ދިނުމަށް އެ ބާޔާނުގައި ވަނީ ގޮވާލާފައެވެ. އަދި ސަރުކާރުން މިހާރު ނަގާފައިވާ ސްޓޭންޑަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތަކަށް ފަހިވާ ސްޓޭންޑަކަށް ނުވާ ނަމަ ސަރުކާރުގެ ނިންމުން ބަދަލު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.