ފޯޅަވަހި މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނު ހުންނެވުމުން ކުށަށް އިއުތިރާފު ވެވަޑައިގަންނަވާކަން ދަލީލު ކޮށްދޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތްކަމަށެވެ.

ފޯޅަވަހީގެ މައްސަލާގައި ލިބޭނެ ގެއްލުން އަންޒާދާ ކުރައްވައި، މިސާލު ޖައްސަވާ ރައީސް ޔާމީން ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން މޮރިޝަސް ކޮޅަށް ޖެހުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ޕޯޗުގީޒު ވަރުގެ ބޮޑު ސަރަހައްދެއް ގެއްލިގެން ދާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ރައީސް ހަނު ހުންނަވަނީ ކުށްވެރިންނަށް ލިބިދޭ ހަނު ހުރުމުގެ ހައްގުގެ ބޭނުން ހިއްޕަވައިގެން ކަމަށާއި ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއްވެސް ދޫކޮށްލުމަކީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫންކަމަށެވެ.

ރައީސް ޔާމީން އިއްޔެ ކެނދިކުޅުދޫގައި ބޭއްވެވި ޖަލްސާގައިވެސް ވަނީ އެ މައްސަލައާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް އަށް ލިބިވަޑައިގެންފައި ނެތް ބާރެއްގެ ބޭނުން ކުރައްވައިގެން އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ރައްޔިތުންގެ މުދަލާއި ގައުމުގެ ހަރު މުދަލަށް ހިޔާނަތްތެރިވެ ވަޑައިގަންނަވަމުން ކަމަށާއި އުތުރު ތިލަފަޅު އެއްބަސްވުންވެސް ރައްޔިތުންގެ ހާދިމުންނަށް ސިއްރުކޮށް ފޮރުވިހެން ޗާގޯސް މައްސަލަވެސް ސަރުކާރުން ގެންދަނީ މަޖިލީހަށް ސިއްރުކޮށް ރައްޔިތުންނަށް އޮޅުވާލަމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޖީއެމްއާރުއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލި އުސޫލުން މި ސަރުކާރުން ވަނީ ޗާގޯސް މައްސަލައިގައި ވެސް އިންޑިއާ އަތުން ފައިސާ ނަގައިގެން ރާއްޖޭގެ ކަނޑު ވިއްކާލައިފަައި ކަމަށްވެސް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.

2023 ގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޔާމީން އަތޮޅުތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި މިހާރު ނ އަތޮޅަށް ކުރައްމުން ގެންދަވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއަށް ވަޑައިގަންނަނަވާނެއެވެ.

މީގެ އިތުރުން ޔާމީން އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.