ރ. އުނގޫފާރު އުމުރުން 22 އަހަރާއި 11 މަހުގެ ޒުވާނަކު ފީނަން ގޮސް އުޅުމުގެ ތެރޭގައި ށ. ކަނޑިތީމު ކައިރިން މިއަދު ހަވީރުގެ ވަގުތެއްގައި މަރުވެފައިވާ ކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ.
މަރުވެފައިވަނީ ރ. އުނގޫފާރު އަބްދުﷲ ސޯދިގު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ކަނޑު އަޑިން ނެގިއިރުވެސް އަނގައިން ފޮނުއަރާފައިވާ ކަމަށްވެސް މައުލޫމާތުތައް ވަނީ ލިބިފައެވެ.
ފުލުހުން ބުނީ ށ. ނިގާފަރު ފަޅުގެ ބޭރުގައި ފީނަން އުޅުނު މީހަކު ގެއްލިގެން މިއަދު 3 ޖަހާ ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 4:15 ހާއިރު ފެނިފައިވާ ކަމަށެވެ.
އެ މީހާއަށް ފަރުވާދިނުމަށް އެ އަތޮޅު ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް ނިޔާވެފައިވާ ކަމަށް އެ މީހާ ބެލި ޑޮކްޓަރު މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެއެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުވެސް ފީނަން ގޮސް އުޅުމުގެ ތެރޭގައި އެ ރަށުގެ ޒުވާނަކު ވަނީ މަރުވެފައެވެ.