ފުލުހުން ހައްޔަރު ކުރި މީޙަކު ހައްޔަރުގައި ހުއްޓައި މަރުވެއްޖެއެވެ.
މިކަން ފުލުހުން ވަނީ ކަށަވަރު ކޮށް ދީފައެވެ. މަރުވި މީހާއަކީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ، މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މެޔަށް ތަދެއް އަރައި، ފިޓް ޖެހެން އުޅޭ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް އެ ހެލްތް ސެންޓަރުން އެމީހާ ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ އާ ގުޅޭ މައުލޫމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިތްސް ކޮމިޝަނަށް ހިއްސާ ކޮށްފައި ވާ ކަމަށާއި މި ހާދިސާ ތަހުގީގުކޮށް ދިނުމަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ ފުލުހުން ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަން އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މަޑަވެލި ސިއްހީ މަރުކަޒު ކައިރިއަށް ވަނީ އެ ރަށުގެ ބައެއް މީހުން އެއްވެފައެވެ. އެކަން ވަނީ މަޑަވެލި ކައުންސިލްގެ ރައީސް 'ދަ ޕްރެސް' އަށް ކަށަވަރު ކޮށް ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ މިއަދު މެންދުރު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ގދ.ހޯޑެއްދޫއިން ހައްޔަރު ކުރި މީޙެކެވެ. އަދި މިއަދު ހަވީރު ފުލުހުންގެ ލޯންޗެއްގައި އެމީހާ ވަނީ މަޑަވެއްޔަށް ގެންގޮސްފައެވެ. މަޑަވެއްޔަށް ލޯންޗް ގާތްކުރި އިރު ވެސް އެ ރަށު ޖެޓީ ކައިރިއަށް އެމްބިއުލާންސް ގާތްކޮށްފަިއވާ ކަމަށާއި އެމީހާ އެމްބިއުލާންސަށް ވަނީ މަޑަވެލި ސިއްހީ މަރުކަޒާށް ގެންގޮސްފައެވެ.
އެ ރަށުގެ ސިއްހީ މަރުކަޒު ކައިރިއަށް މީހުން އެއްވެފައި ވަނީ ފުލުހުންގެ ހައްޔަރުގައި ހުރި މީހަކަށް އަނިޔާ ކޮށް އެމީހާ މަރާލާފައިވާ ކަމަށް ބުނެ ކަމަށް މައުލޫމާތު ލިބެއެވެ. އެކަމާ ގުޅިގެން ފުލުހުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.
އެމީހާ ފުލުހންގެ ބެލުމުގެ ދަށުން މަޑަވެއްޔަށް ގެންގޮސްފައި ވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގައި އާންމުންވެސް ތިބި ކަމަށް ފުލުހުން ބުނެއެވެ. އަދި މަރުވި މީހާގެ އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ތަހެލާން ހަދަނެ އެޓޮޕްސީއިން ނަތީޖާ ގަބޫެލެ ކެރަންނާ ތެހެލާ އަހަރި ނުކެރަންނާ