ނައިފަރަށް ކުރި ވިއްސާރަ އާ ގުޅިގެން ފްލެޓްތަކަށް ފެންވަދެ ގެއްލުން ލިބުނުކަން އަންގާފައި ނުވާ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިން ޔުނިޓް އިމާރާތްކުރުމަށްޓަކައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ޖެނުއަރީ 26، 2020 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމުމަށްފަހު މި އަހަރުގެ ފެބްރުއަރީ 19 ގައި 100 ހައުސިން ޔުނިޓް ހިމެނޭ 4 އިމާރާރް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

މިނިސްޓްރީއިން ބުނީ އެއަށްފަހު އެ އިމާރާތްތައް ބެލެހެއްޓުމާއި އިމާރާތާ ގުޅޭ ކަންކަން އެ ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީއިން ބުނީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރާއެކުވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިންމުމަށްފަހު 1 އަހަރު ދުވަހުގެ މުއްދަތުގައި އިމާރާތަށް ލިބޭ ގެެއްލުންތައް މިނިސްޓްރީއިން ބެލުމަށްފަހު އެކަން ކޮންޓްރެކްޓަރަށް އެނގުމުން އެ މަރާމާތުތައްކުރާނީ މަސައްކަތުގެ ކޮންޓްރެކްޓަރުން ކަމަށެވެ.

އެގޮތުން ފްލެޓުތަކުގެ މައްސަލަތަކެއް ހުރި ކަމަށް މޭ 19 ގައި ކައުންސިލްގެ ފަރާތުން މިނިސްޓްރީއަށް ހުށަހެޅުމުން ކޮންޓްރެކްޓަރުގެ ޓީމެއް ޖޫން 10 ގައި ނައިފަރަށް ގޮސް ކައުންސިލާއެކު މަޝްވަރާކުރުމަށްފަހު އެ މަހުގެ 12 ވަނަ ދުވަހު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކައުންސިލުން ފާހަގަކުރި ހުރިހާ މަރާމާތުތައް ނިންމާ ކައުންސިލްގެ އެޕްރޫވް ހޯދާފައިވާ ކަމަށް މިނިސްޓްރީއިން ފާހަގަކުރިއެވެ،

އެ މިނިސްޓްރީއިން އިތުރަށް ބުނީ އެ މަރާމާތުގެ އިތުރުން ބޮޑު މަރާމާތެއްކުރުމަށް ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅާފައެއް ނުވާ ކަމަށާއި އެއްވެސް ފަރާތަކުން ފުލެޓްރަކުގެ މަރާމާތާގުޅޭ އެއްވެސް ކަމެއްގައި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ ނުވަތަ އެފަދަކަމެއް މިނިސްޓްރީގެ ސަމާލުކަމަށް ގެެނެސްފިނަމަ ވަގުތުން އެކަމަކަށް އެޓެންޑްވަމުން ގޮސްފައިވާނެ ކަމަށެވެ.