ފޯޅަވެހި މައްސަލާގައި ކުރީގެ ސަރުކާރުތައް ކުށްވެރިކޮށް އިކޮނަމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ބަހުގެ ހަމަލާއެއް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އަމާޒުކުރައްވައިފިއެވެ.
ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުކުރުމާ ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް އަންނަނީ ފާޑުކިޔަމުންނެވެ.
ރައީސް ނަޝީދު މިވަގުތު ފޯޅަވައްސަކީ އެއްވެސް ގައުމެއްގެ ތަނެއް ނޫން ކަމަށާއި އެތަން މިވަގުތު ބަލަހައްޓަނީ އިނގިރޭސިން ކަމަށާއި އެކަމަކު،\ އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ފައްޔާޒު ވަނީ 2011 ވަނަ އަހަރު އޭރުގެ ރައީސް ފޯޅަވައްސަކީ ރާއްޖޭގެ ބަޔެއްކަމަށް ދެކިލައްވާނަމަ ފޯޅަވެއްސާ ރާއްޖެއާމެދު އިން ވަކި ކުރަން މޮރިޝަޝްއާ އެއްބަސްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
2017 ވަނަ އަހަރު އައިސީޖޭގައި މޮރިޝަޝް އަށް ފޯޅަވަހި ދޭން ނިންމި އިރު އޭރުގެ ސަރުކާރުން ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރައްވާ ފައްޔާޒު ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށްދެކި، ގެއްލި ދިޔައިރު އާދަމް ޝަރީފް ކުރެއްވީ ކީއްތޯ ވެސް ފައްޔާޒް ސުވާލު ކުރެއްވިއެވެ.
މި މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުަގއި ވަނީ ސަރުކާރުގެ އަމަލާއި ވާހަކަތައް ހުރި ގޮތުން މިކަމުގައި އިންޑިއާގެ ދައުރާއި ނުފޫޒު އޮތް ކަމަށް ގަބޫޫލު ކުރެއްވޭ ކަމަށާއި މޮރިޝަސް އަކީ އިންޑިއާއާ ވަރަށް ބޮޑު ގުޅުމެއް އޮތް ގައުމެއް ކަމަށް ފާހަގަ ކުރައްވާފައެވެ.
އިންޑިއާއިން ރާއްޖޭގެ މެދާއި އުތުރުގައި އަދި ލ އަތޮޅުގައިވެސް ބަނޑަހަ ޖަހައިފި ކަމަށް ވިދާޅުވަމުން މުނައްވަރު ވަނީ މި މައްސަލާގައި އިންޑިއާގެ ނުފޫޒު އޮތުމުގެ ފުުރުސަތު ބޮޑު ކަމަށާއި ކަންކަން ހާމަ ކުރެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މުނައްވަރު ވަނީ އެ ވާހަކަ ވިދާޅުވަނީ ސިޔާސީ ވެގެން ނޫން ކަމަށާއި އެއީ ރާއްޖެ މިހާރު އޮތް ހާލަތުން ވިދާޅުވާން ޖެހޭ ވާހަކައެއް ކަމަށެވެ.
މުނައްވަރުގެ ވާހަކަތަކަށް ފާޑުވިދާޅުވެ ފައްޔާޒު ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތާއެކު ދިވެހިރާއްޖެއާ ފޯޅަވަހީގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަދެކެވުނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.