ރައީސް އަށް ލިބިދީފައި ނެތް ބާރެއްގެ ބޭނުން ކުރައްވައިގެން އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ރައްޔިތުންގެ މުދަލާއި ގައުމުގެ ހަރު މުދަލަށް ހިޔާނަތްތެރިވެ ވަޑައިގަންނަވަމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕިއެމްގެ މެނިފެސްޓޯ އެކުލަވާލުމަށް އަތޮޅުތެރޭގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. އަތޮޅު ކެނދިކުޅުދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުންވެސް ރައްޔިތުންގެ ހާދިމުންނަށް ސިއްރުކޮށް ފޮރުވިހެން ޗާގޯސް މައްސަލަވެސް ސަރުކާރުން ގެންދަނީ މަޖިލީހަށް ސިއްރުކޮށް ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރުއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލި އުސޫލުން މި ސަރުކާރުން ވަނީ ޗާގޯސް މައްސަލައިގައިވެސް އިންޑިއާ އަތުން ފައިސާ ނަގައިގެން ރާއްޖޭގެ ކަނޑު ވިއްކާލައިފާ ކަމަށެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފުއަތު އަޒުލް ކުރަންޖެހޭ ކަމަށާއި އެކަން ކުރާ ހިސާބުން ރާއްޖޭގެ ކަނޑުތައް ވިއްކާލި މީހުން ހާމަވާނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ހަނިމާދުއަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫން ކަމަށާއި ހަނިމާދުއަކީ ކުރިއަށް އޮތް ތަނުގައި ދިވެހި މަދަނީ ވައިގެ ދަތުރުފަތުރަށް ވެސް ލިބޭނެ ތަނެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓެކޭ ކިޔާފައި ހަނިމާދޫ އެއާޕޯޓު ބޮޑުކުރަނީ އިންޑިއާގެ އަސްކަރީ ޖެޓް ފަހަރު ޖައްސައި ހެދުމަށްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

2023 ގެ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ޔާމީން އަތޮޅުތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި މިހާރު ނ އަތޮޅަށް ކުރަމުންގެންދާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫގެ އިތުުރުން މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.